ހއ މުޅަދޫ ބޭރުގައި އޮތް ކަނދުފައްޗާ 3 މޭލު ކައިރިން ދަތުރުކުރަމުންދިޔަ މަސްދޯންޏެއް އިންޑިއާގެ ކޯސްޓްގާޑުން ހުއްޓުވައި އެދޯންޏަށް އަރައި މަސްވެރިންނަށް ބިރުދައްކައިފިއެވެ.
ރޭ ދަންވަރު 12 ޖެހިއިރު އިންޑިއާ ސިފައިން އަރާފައިވަނީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ގެންދާ ހއ. އިހަވަންދޫ "މާހޯރަ-3″ ދޯންޏަށެވެ. މި ދޯންޏަކީ މިމަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަހައްދުން އިންޑިއާ ސިފައިން އަރައި ބާލާ ފާސްކުރި 3 ދޯނީގެ ތެރެއިން 1 ދޯންޏެވެ. އިރުވަރު ނޫހަށް މައުލޫމާތުދެމުން އެ ދޯނީގެ ކެޔޮޅު އިބްރާހިމް ރަޝީދު ބުނީ މިމަހުގެ 1 ވަނަ ދުވަހު އެދޯންޏާއެކު އިތުރު 2 ދޯނި ހުއްޓުވާ ބަލާ ފާސްކުރުމަށްފަހު ރާއްޖޭގެ ރޭންޖް ލިބޭ ހިސާބު ކައިރިން ރޭ ދަންވަރު އެ ދޯނި ހުއްޓުވާ އިންޑިއާ ސިފައިން ދޯންޏަށް އަރާ ޗެކްކުރި ކަމަށެވެ.
"ދަންވަރު އިންޑިއަން ވޭނީގެ ކޯސްޓްގާރޑެއް ދޯންޏާ ކައިރިކޮށް ދޯނި ހުއްޓަން އަަންގައިފި. އަޅުގަނޑުމެން މަޑުނުކޮށް ދުއްވީމަ އިންޒާރު ދެމުން ފަހަތުން އައީ. އޭރު ހުރީ މޮޅަދޫ ބޮޔާ 3 މޭލު. ރޭންޖްވެސް ލިބޭ. އެކަމަކު ކޯސްޓްގާރޑު ކައިރި ކުރުމާއެކު ރޭންޖް ކެނޑިއްޖެ. ދެން އެއްވެސް ފަރާތަކަށް ގުޅޭގޮތެއްނުވި. އެމީހުން ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށުމުން ދޯނި ހުއްޓީ ހަމަލާ ދީފާނެކަމަށް ބަލާފަ" ކެޔޮޅު ބުންޏެވެ.
ކެޔޮޅު ބުނީ ދޯނި މަޑުކުރުމާއެކު އިންޑިއާ ސިފައިން ހަތިޔާރާއެކު ދޯންޏަށް އަރާ އެންމެ ފުރަތަމަވެސް އެދުނީ ސެޓްލައިޓް ފޯން ދިނުމަށެވެ.
"އަޅުގަނޑުބުނިން ކަލޭމެން ތިތިބީ ޤަވާއިދާ ޚިލާފަށް މިދޯންޏަށް އަރައޭ، އަހަރެމެންގެ ކޯސްޓްގާރޑުން އަންގާފައޭ އޮތީ އެއްވެސް މައުލޫމާތެއް ނުދެން، އެހެންވީމަ އަހަރެމެން މަރާލިޔަސް އެެއްވެސް މައުލޫމާތެއް ނުލިބޭނެއޭ. އެމީހުން ތިބީ ގަޔާދިމާލަށް ބަޑި ދިއްކޮށްގެން. ތިގޮތަށް ބަޑި ދިއްނުކުރުމަށް އެދުމުން އެމީހުން ބުނީ މިގޮތަށް ޗެކް ކުރާއިރު އަހަރެމެން ތިބެނީ މިގޮތަށޭ. އެމީހުންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުލިބުމުން ދޯނީގެ ހުރިހާ ކައްޅިތަކާއެކު މުޅި ދޯނި ޗެކްކުރުމަށްފަހު އެމީހުން ފައިބައިގެން ދިޔައީ." މިދިޔަ އަހަރު މިނިވަންދުވަހުގެ ހިއްވަރު ދިނުމުގެ އިނާމު ލިބުނު ކެޔޮޅު ބުންޏެވެ.
ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން އަދި ރާއްޖޭގެ ރޭންޖްލިބޭހާ ކައިރިން އިންޑިއާ ކޯސްޓްގާރޑުން އަމަލުކުރި ގޮތުން ވަރަށް ހައިރާންވާކަމަށް ކެޔޮޅު ބުންޏެވެ.
"އިންޑިއާ ކޯސްޓްގާރޑުން ދުރަށް ދިއުމާއެކު ފޯންތަކަށް ރޭންޖް ލިބިއްޖެ. އަޅުގަނޑުމެން ވަގުތުން ކޯސްޓްގާޑަށް ގުޅައި ހުރިހާ މައުލޫމާތެއް ދިނިން. ރޭގަނޑު ދޯންޏާ ކައިރި ކުރީ މިދިޔަ ބުދަ ދުވަހު ދޯންޏާ ކައިރިކުރި އިންޑިއާގެ ކޯސްޓްގާޑެއްނޫން. އިންޑިއާގެ އެހެން ކޯސްޓްގާރޑެއް އެއީ." ކެޔޮޅު ބުންޏެވެ.
މިމަހުގެ 1 ވަނަ ދުވަހު އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދަށްވަދެ ރާއްޖޭގެ 3 މަސްދޯންޏެއް ޗެކްކުރީ ބައިނަލްއަޤްވާމީ ޤަވާއިދުތަކާ ޚިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ، އަދި އިންޑިއާ ސިފައިން މިގޮތަށް އަމަލުކުރި ސަބަބު ލިޔުމުން ހޯދަން ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ.
One Response
ބައިނަލްއަޤުވާމީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން އިންޑިއާގެ މައްޗަށް ޙުކުމެއް ނެރެންވެއްޖެއެއްނު؟