Ad

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ 'އަހާ' ސިލްސިލާގެ ފޯރަމެއް މިރޭ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، 'އަހާ' ސިލްސިލާގެ ފޯރަމެއް ހުކުރުދުވަހުގެރޭ (މިރޭ) ސަލްޓަންޕާކުގައި ބާއްވާނެއެވެ.

'އަހާ' ފޯރަމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި މިދިޔަ ޖެނުއަރީމަހު ވަނީ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުޞަތުދީ، މި ސުވާލުތަކަށް ވަޒީރުން ވަގުތުން ޖަވާބުދެއްވައިފައެވެ.

ހުކުރުދުވަހުގެރޭ އޮންނަ މި ސިލްސިލާގެ 2 ވަނަ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދެންނެވުމުގެ ފުރުޞަތު މިހާރު ޕަބްލިކް ސާވިސް މީޑިއާއިންވަނީ ހުޅުވާލައްވާފައެވެ. ކުރީން ސުވާލު ފޮނުވުމުގެ އިތުރަށް ފޯރަމްގައި ބައިވެރިވެ ސީދާ ސުވާލު ދަންނަވަން ބޭނުންފުޅުވާ ރައްޔިތުންނަށްވެސް އެ ފުރުޞަތު ދެމުން ގެންދާނެއެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރުދުވަހުގެ ރޭ 8:45ގައެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިޢުލާން ކުރައްވާފައެވެ. ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަންވެސް އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.

މިއީ، ރައްޔިތުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާ ވަޒީރުން ވަގުތުން ޖަވާބުދެއްވުމަށް ސިލްސިލާ ޕަބްލިކް ފޯރަމްތަކެއް ރާއްޖޭގައި މިގޮތަށް ބާއްވަމުން ގެންދާ ފުރަތަމަ ސަރުކާރެވެ. މި ސިލްސިލާގައި މިދިޔަ ޖެނުއަރީމަހު ބޭއްވި ފޯރަމަށްވެސް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ވީހައި ގާތުން ހޯއްދަވައި ރައްޔިތުންގެ ހާލުއަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަންދެއްވައެވެ. މިގޮތުން ވެރިކަމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފަށްޓަވައިފައެވެ. އަދި ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވަން ފަށްޓަވައިފައެވެ. 'އަހާ' ސިލްސިލާގެ ފޯރަމްތައް ބޭއްވެވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *