ލޯންޗެއް ބަންޑުން ޖަހާލައި ގިނަބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.
މިހާދިސާގައި ކަނޑުވި އެންމެން ސަލާމަތްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ލޯންޗް ބަންޑުން ޖަހާލީ އދ. ދިގުރަށުން މާލެއަށް ދަތުރު ކުރަމުން ދަނިކޮށެވެ. މިހާދިސާގައި ލޯންޗުން ދަތުރުކުރި 44 މީހުންނާއި 4 ކުއްޖަކު ކަނޑުވެފައި ތިއްބާ ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ކަނޑުވެފައިތިބި މީހުން ސަލާމަތްކުރަން ފުލުހުން ހަރަކާތްތެރިވަނިކޮށް އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ކަނޑުވި މީހުން ލައިފްޖެކެޓް އަޅައިގެން ކަނޑުގައި ތިބިއިރު ކަނޑު ވަރަށް ގަދަކޮށެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ވަރަށް ގޯސް ކަނޑުގަދަ ދުވަސްވަރެކެވެ. އިއްޔެއިން ފެށިގެން ރާއްޖޭގެ ގޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ވިއްސާރައިގެ ސަބަބުން މިއަދަކީ ރަސްމީ ބަންދުދުވަހެއް ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެެ.




