އެމްއެންޑީއެފް އެއަރ ކޯރ އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތް ތަޢާރަފްކުރައްވައިފިއެވެ.
މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމާއި އެންމެހާ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގާނެއެވެ.
އަދި ނޭޝަނަލް ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަރތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމާއި، ރާއްޖޭގެ ސަރަޙައްދުތަކުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެގޮތުން ހިންގަންޖެހޭ ސާރޗް އޮޕަރޭޝަންތައް ހިންގުމުގައި އެހީތެރިވާނެއެވެ.
ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ. މި ޔޫވީތައް ހޯދުމުގެ މަސައްކަތާއެކު މިކަމަށް ބޭނުންވާ ސިފައިން ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން މިކަމަށް ބޭނުންވާ ސިފައިންގެ ފުރަތަމަ ޓީމް މިހާރު ވަނީ ތަމްރީންކޮށްފައެވެ. އަދި އިތުރު ސިފައިން މިހާރުވެސް ދަނީ ތުރުކީވިލާތުގައި ތަމްރީން ފުރިހަމަކުރަމުންނެވެ.
ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތަޢާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.
މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަރވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ހިމާޔަތްކޮށް ދިފާޢުކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދާ ހުރިހާ އޮޕަރޭޝަނެއްގައިވެސް މި އުޅަނދުފަހަރު ބޭނުންކުރާނެއެވެ. އެހެންކަމުން ޤައުމުގެ ދިފާޢާއި ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި އޮޕަރޭޝަންތަކުގައި އަސްކަރިއްޔާގެ އެހެނިހެން ވަސީލަތްތަކެކޭ އެއްގޮތަކަށް ޙާލަތާއި ގުޅުންހުރި ހުރިހާ ވަސީލަތްތަކެއްވެސް އަދި ޤާބިލްކަންވެސް މި އުޅަނދުފަހަރުގައި ބޭނުންކުރާނެއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑުތައް ވަނީ ޤާއިމްކޮށްފައެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަަޙައްދެއްގައިވެސް މި އުޅަނދުތައް ބޭނުންކުރާނެއެވެ.
ދިވެހި އަސްކަރިއްޔާއިން މި ޔޫއޭވީތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އެއްކުރާ ގިނަ މަޢުލޫމާތުތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ސިއްރު މަޢުލޫމާތެވެ. މިފަދަ މަޢުލޫމާތު އެއްވެސް ބަޔަކާ އެއްވެސް ގޮތަކަށް ހިއްސާ ނުކުރާނެއެވެ. މިފަދަ މަޢުލޫމާތު އަބަދުވެސް ބޭނުންކުރާނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
ނަމަވެސް މިހާރުވެސް އެމްއެންޑީއެފުން ޢަމަލުކުރަމުންދާ އުސޫލުން ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ކާރިސާތަކުގައާއި ނުވަތަ ޤާނޫނުތައް ތަންފީޒްކުރުމުގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޢާންމު މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރަމުންދާނެއެވެ.
އެމްއެންޑީއެފް އެއަރ ކޯރގައި ޔޫއޭވީ އުޅަނދުފަހަރު އޮޕަރޭޓްކުރާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައެވެ. މިވަގުތު މި އުޅަނދުފަހަރު އޮޕަރޭޓްކުރަމުންދާ ނ.މާފަރަކީ ނޮދަން އޭރިއާ ކޮމާންޑްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ވައިގެ ބަނދަރެކެވެ. އަދި މިހާރަށް ބަލާއިރު އެއަރޕޯޓުތަކުގައި ޤާއިމްކުރެވިފައިވާ ވަސީލަތްތަކަށް ބަލާއިރު މިއީ މިވަގުތަށް އެންމެ އައިޑިއަލް ލޮކޭޝަންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އެކި ބޭނުންތަކަށް ޔޫއޭވީ އޮޕަރޭޓްކުރުމަކީ ވަރަށް ޢާންމުކަމެކެވެ. ޚާއްޞަކޮށް އަސްކަރީ ބޭނުންތަކަށްވެސް އެކިކަހަލަ އޮޕަރޭޝަންތަކާއި ހަނގުރާމަތަކުގައިވެސް ޔޫއޭވީ ބޭނުންކުރުމަކީ ޢާންމުކަމެވެ.
ރާއްޖޭގައި ޔޫއޭވީ އޮޕަރޭޓްކުރާނީ ސިވިލް އޭވިއޭޝަން ޤާނޫނާއި ޤަވާއިދުތަކާއި އެމްއެންޑީއެފްގެ އުސޫލްތަކާއި ޚިލާފުނުވާނެގޮތަށްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ކޮމާޝަލް ފްލައިޓްތަކަށްވެސް އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫންކަން އެމްއެންޑީއެފުން ކަށަވަރުކޮށްދެއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުޅިން އަލަށް ވައިގެ ބާރެއް އުފައްދައި އެބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިޚިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ބޮޑު އެހީއަކަށްވާނެއެވެ.
ހުރިހާގޮތަކުން ބެލިނަމަވެސް މިއީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.