ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުގެ ޗީފު ސްޕޯކްސްޕާސަން ހީނާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސީހު ކޮންޓްރޯލާރ ކަމުގެ މަޤާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. އަދި އެބޭފުޅާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަދި ޕޮލިސް ބޯޑުގައިވެސް މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ.
މިރޭ ދަންވަރު ކުއްލި ގޮތަކަށް އިމިގްރޭޝަންގެ ކޮންޓްރޯލާރ ކަމަށް ފަސީހު އައްޔަންކޮށްފައި މިވަނީ އެމަޤާމުގައި ކުރިންހުރި ޝަންމާނު ކުއްލިގޮތަކަށް މިރޭ ވަކިކުރެއްވުމަށް ފަހުގައެވެ. އޭނާ ވަކިކުރި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
ނަމަވެސް ބިދޭސީންގެ ބޭނުން ނާޖާއިޒް ގޮތުގައި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ކޮށްފައިވާ ސީރިއަސް މައްސަލައެއް ފުލުހުން މިރޭ ވަނީ ތަހުޤީޤުކުރަން ފަށާފައެވެ. މި ތަހުޤީޤުގެ ތެރެއިން މާލޭގެ ގެއެއް ބަލާ ފާސްކޮށް ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.




