ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލެސީމިއާ ކުދިންގެ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ތެލެސީމިއާ ސެންޓަރަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ޑރ. މުއިއްޒު އެތަނަށް ވަޑައިގެން އެވަގުތު އެތަނުގައި ތިބި އޭލަޅާ ކުދިންނާ އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެތަނުގައި ހުރި މައްސަލަތަކުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި އެތަނުގެ ހުރިހާ ޑިޕާޓްމެންޓެއްގެ ހާލަތުވެސް ބެއްލެވިއެވެ. ތެލެސީމިއާ ކުދިންގެ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ކަމާކުޅުންހުރި މުވައްސަސާ ތަކާ މަޝްވަރާ ކުރައްވައިގެން ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށް ހައްލުކުރެވެންހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ވަގުތުން ފަށާފައިވާކަމަށް މައުލޫމާތުލިބެއެވެ.
މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި، ތެލަސީމިއާ ސެންޓަރުގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތައް ރޭ ވަނީ މުޒާހަރާކޮށްފައެވެ. މިމައްސަލަ ބޮޑުވެ، މުޒާހަރާ ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ރައީސް ވަނީ އެތަނަށް ވަޑައިގެންފައެވެ.
ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކުރީ ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ކަމަށް ބުނެއެވެ. ރަށްރަށުގައި ވެސް އެ މައްސަލަ އަންނަނީ މެދުވެރިވަމުންނެވެ.
ޒަމާނުއްސުރެ ތެލަސީމިއާ ސެންޓަރުގައި ހުރި މައްސަލަ ހައްލުކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.




