Ad

އައްބާސް ޝަރީފު ޕީޖީކަމަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ކަމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލިހުގެ ދައުރުން ބޭރުގަ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.

މަޖިލިހުގެ ތަޅުމުން މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން އެ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައި ވަނީ އައްބާސް އާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް އާންމުކޮށް އިއުލާނު ކުރުމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. އެގޮތުން ހުޅުވާލި ފުރުސަތު އިއްޔެގެ މެންދުރު 12:00 އަށް ވަނީ ހަމަވެފަ އެވެ.

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމަށް އައްބާސް ހާޒިރުކޮށް ވަނީ އިންޓަވިއު ކޮށްފަ އެވެ. ކުރެވުނު އިންޓަވިއުއަށް ފަހު ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ހުސްނީ މުބާރިކް ވިދާޅުވެފައި ވަނީ އައްބާސްއަށް 93.1 އިންސައްތަ މާކްސް ލިބިފައިވާ ކަމަށެވެ. އަދި އޭނާ އާ ގުޅޭގޮތުން އާންމުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ތިންވަނަ ޖަލްސާގައި ޖުޑިޝަރީ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ އިއްވާފަ އެވެ. ހުސްނީ އިއްވި ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީންނާއި ސަރުކާރަށް ތާއީދުކުރާ އެމްޑީއޭ އަދި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވެސް ވަނީ މަގާމަށް އައްބާސް އައްޔަންކުރަން ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 85 މެމްބަރުންގެ އިއްތިފާގުން ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރުމަށް މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ. ނުފެންނަ ކަމަށް އަދި ވަކި ގޮތަކަށް ދޭން ބޭނުންނުވާ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފަ އެެއް ނުވެ އެވެ.

ޕީޖީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މަސައްކަތް ކުރުމުން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވައި ވޯޓު ނަގައި ވަނީ ފާސްކޮށްފަ އެވެ.

ގާނޫނުގައި އޮންނަނީ ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *