Ad

ނިއުޝާ އާއި ފިލްޒާ އަދި ތޮލްހަތުގެ ދައުރު ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ އޮފިސަރުންގެ ގޮތުގައި މިހާރު ތިއްބެވި އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އަދި ސާޖަންޓް އެޓް އާމްސް (ރޓޑ) ތޮލްހަތު ހަސަން އިތުރު ދައުރަކަށް އެ މަގާމުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކި ވަކިން ވޯޓަށް އަހާފައިވާއިރު އަމީން އާންމުގެ މަގާމަށް ނިއުޝާ ބަހައްޓަން ފާސްކޮށްފައިވަނީ 79 މެންބަރުންގެ އިއްތިފާގުންނެވެ. ފިލްޒާއާއި ތޮލްހަތު މަގާމުގައި ބައިތިއްބަން ފާސްކޮށްފައިވަނީ 80 މެންބަރުންގެ އިއްތިފާގުންނެވެ.

އެ 3 ބޭފުޅުންވެސް އެ މަގާމުތަކަށް އައްޔަންކުރައްވަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައިވަނީ އަލަށް އަލަށް އެކުލަވާލާ ކޮންމެ މަޖިލީހެއްމެ އިންތިހާބުވެ މަސައްކަތް ފެށުމަށްފަހު ހިނގާ ފުރަތަމަ 2 ދައުރު ނިމުމުގެ ކުރިން އެ 3 މަގާމަށް މަޖިލީހުން މީހުން އައްޔަންކުރަންވާނެ ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އަމަލުކޮށްފައިވާ ގޮތަށް މިހާރު އެ ތިން މަގާމުގައި ތިއްބެވި ތިން ބޭފުޅުން އެ މަގާމްތަކަށް އައްޔަންކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި ވޯޓަށް އެހުމަށް" މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *