ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަސްމަގު ހުރި ގޮތުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފާޑު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހަލީލް ރައީސް ޔާމީނަށް ފާޑު ވިދާޅުވީ ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކައެއްގެ ވީޑިއޯ ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ވީޑިއޯގައި ރައީސް ޔާމީންވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިއްކުރިފުޅަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑުވެސް ހީކުރީ ނިއްކުރިފުޅުގަ އެ އިންނަ ކުރަގަނޑު އެއީ ނަމާދުކޮށްކޮށް ކުރަ ޖަހާފަކަމަށް. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރީ މީ ވަރަށް އަދުލުވެރި ޒާހިދު ރަނގަޅު ބޭފުޅެކޭ މީ. އެއީ ޑރ. ޖަމީލްމެން ދީނީ ގޮތުން އެކަންކަން އޮންނަ ގޮތް ވިދާޅުވެދެއްވީމާ އަޅުގަނޑުވެސް ގަބޫލު ކުރީ ވަރަށް ރަނގަޅު ބޭފުޅެކޭ. އެކަމަކު މާތްކަލާކޯ. އެނބުރިގެން މި ދިޔައީ 360 ލީޓަރުގެ ރެވޮލިއުޝަން އަޅަ އަޅާ މިހުރީ އިނގޭތޯ" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ފަހުން ދެއްކެވި ވާހަކަފުޅު ސާފު ނުވި ނަމަވެސް އިޝާރާތް ކުރައްވާނީ ރެވޮލިއުޝަން 360 ޑިގްރީ ކިޔާ ކުލައަކަށް ކަމަށް ބެލެވެ އެވެ. އަދި ރައީސް މުއިއްޒުގެ ނިއްކުރިފުޅަށް މި ކުލަ އަޅާ ވާހަކަ ދައްކާކަމަށް ބެލެވެ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ބަސްމަގާއި ވިސްނުންފުޅު މިހާލަތަށް ވެއްޓުނީމާ، މި އުޅުއްވަނީ ކީއްވެގެންކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ. އަދި ގޮތް ނިންމާނީ ރައްޔިތުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޔާމީން ގެންދަވަނީ ޕީއެންއެފްގެ ޖަލްސާތަކުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ ބައެއް ސަޕޯޓަރުންވެސް ވަނީ މިކަމާ ގުޅިގެން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ސޯޝަލް މީޑިއާގައި އެކަކު ބުނެފައިވަނީ "ޔާމީން މިހާރު ހުދޫދުން ބޭރުވެއްޖެ" ކަމަށެވެ.
އެހެން މީހަކު ބުނީ ރައީސް ޔާމީނަށް މިހާރު ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ މިންވަރަށް ހަސަދަވެރިކަން ބޮޑުވެފައިވާ ކަމަށެވެ.
"އަހަރެން ހަމަކޮސްވެއްޖެ. ރައީސްކަން ނުލިބިގެން މުޅި މީހާ މޮޔަވެއްޖެ. ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގޭ. އެހާވެސް ހަސަދަވެރިކަން ބޮޑުވެއްޖެ،" އެކަކު ބުނެފައިވެއެވެ.