Ad

ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން 20 އަހަރުގެ ތަރައްގީގެ ޕްލޭން: ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން

ކުރިއަށް އޮތް 20 އަހަރު ދުވަހަށް އަމާޒުކޮށް ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާތީ އެ ޕްލޭން އެކުލަވާލުމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ވިހި އަހަރު ދުވަހަށް އަމާޒުކޮށްގެން ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުންނާ އެކީގައި ވަރަށް ފުރިހަމަ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށަން ނިންމައިފައެވެ.

ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ޕްލޭނަކީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ގާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެކަމަށް ވަކި ގާނޫނެއް ފަރުމާ ކުރެވިގެންދާނެ ކަމަށެވެ. މިކަމުގެ މަގްސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވަރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި މިކަމާ ބެހޭ ހުރިހާ މަޝްވަރާތައް ހިނގާނެ. ކަމާބެހޭ އެކިއެކި ޖަމިއްޔާތަކާއި ހުރިހާ ޖަމާއަތްތަކާއި ކުޅިވަރު ކުޅޭ ފަރާތްތަކާއި އެކިއެކި ސިޔާސީ ޕާޓީތަކާއި އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވިޔަސް، ގައުމުގައި ތިބި ކަމުއޮށިގެންވާ އެކިއެކި ފަރާތްތަކާ މި ހުރިހާ ފަރާތްތަކާ ވަރަށް ވަރަށް އޮގަނައިޒްޑް ގޮތެއްގައި ވަރަށް ތަފްސީލީ ގޮތެއްގައި އަޅުގަނޑުމެން މަޝްވަރާ ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައި ގައުމުގެ ތަރައްގީ ބައްޓަން ކުރެވިގެން ދާނެ ކަމަށެވެ.

"ކުރިއަށް އޮތް 20 އަހަރު ގައުމު އޮންނަން ބޭނުންވާ ގޮތް އަޅުގަނޑު މިއައީ ހިއްސާ ކުރަމުން ކެމްޕެއިން ތެރޭގައި. އަޅުގަނޑު ބޭނުން ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މިކަންކަން ހާސިލް ކުރަން. އަދި އެއަށް ވުރެ ވެސް ފުރިހަމަ ކުރުމަށްޓަކައި ވަރަށް ރަނގަޅު، ބައިވެރިވުން ހިމެނޭ ފުރިހަމަ ތަރައްގީގެ މާސްޓާ ޕްލޭނެއް، 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް ކަނޑައެޅުން. އެހެންވީމަ އެ މަސައްކަތް ފަށަން އިރާދަކުރެއްވިއްޔާ މި ފަށަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތަކީ އެންމެންގެ މަސައްކަތެކެވެ. އެންމެންގެ ބައިވެރިވުމާ އެކީގައި މިކަމަކީ ދަރިންގެ މުސްތަގްބަލަށް ކުރާ މަސައްކަތަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިކަން ކުރިއަށް ދާނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ނަމަވެސް ލީޑް ކުރާނީ ދިވެހިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީގައި މި ޕްލޭން ހެދިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *