Ad

އަމާޒަކީ ޓޫރިޒަމް އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ފައިސަލް

ޑިސެމްބަރު މަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވާލެވޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ވަޒީރު މިހެން ވިދާޅުވެފައިވަނީ، ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބޭނުންވަނީ އައު ޓާމިނަލް އޮޕަރޭޝަނަށް އައުން ކަމަށް ފާހަގަކުރައްވަމުންނެވެ.

ވަޒީރު ފައިސަލް ވިދާޅުވި ގޮތުގައި، މުޅި އެއަރޕޯޓު ފުލީ ފަންކްޝަން ކުރަން ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ނުވަތަ ދެވަނަ ކުއާޓަރުގަ އެވެ. އަދި އައު ޓާމިނަލް އޮޕަރޭޝަނަށް އަންނައިރު، ރާއްޖެއަށް އިތުރު އެއަރލައިންތަކުގެ ދަތުރުތައް ފެށުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

މިހާރު ފަތުރުވެރިކަމުން ދައުލަތަށް ލިބެނީ 4.5 ބިލިއަން ޑޮލަރު ކަމަށާއި، 2027 ވަނަ އަހަރާ ހަމައަށް މި އަދަދު 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

އައު ޓާމިނަލްގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ ތެރޭގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހިމެނެ އެވެ. މީގެ އިތުރުން، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައްވެސް މި އައު ޓާމިނަލްގައި ޤާއިމުކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

78 ހާސް އަކަ މީޓަރުގެ ބޮޑުމިނުގެ މި އައު ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރެވޭ ޓާމިނަލެކެވެ. މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށްވުރެ ފަސް ގުނަ ބޮޑު ޓާމިނަލެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *