ވެރިކަމަކީ ލިބޭ މޮޅުކަމަކާއި މުދާގަނޑެއް ނޫން ކަމަށާއި އެއީ ބުރަ މަސްއޫލިއްޔަތަކާއި ބޮޑު ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ރައްޔިތުންގެ ދުވަހެއް ކަމަށާއި ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. ވެރިކަން ކުރައްވަން މަސައްކަތްޕުޅު ކުރައްވަނީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ އިތުރުން އެމަނިކުފާނުގެ ބައްޕާފުޅު، އަލްމަރްހޫމް ފަލީލަތުއްޝައިހް ހުސައިން އަބްދުއްރަހްމާން ލިޔުއްވާފައިވާ ފޮތް، "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމު" އަކީ އެމަނިކުފާނުގެ ގައިޑްބުކް ކަމުގައި ބައްލަވައިގެން ކަމަށެވެ.
"ވަލިއްޔުލްއަމްރު ނުވަތަ ރައީސުއްދައުލާއަކީ ވަކި މުއްދަތަކަށް ރައްޔިތުން އެބައިމީހުންގެ މަސްލަހަތުތައް ބަލަހައްޓައި ހިންގުމަށް ހަވާލުކޮށްފައިވާ ހަވާލްދާރެކެވެ. ވަކީލެކެވެ. އަދި ހާދިމެއް މެ އެވެ. ވީމާ، އެކަން އޭނާގެ ހުރިހާ އަމަލަކާއި މުއާމަލާތަކުން ފެންނަންވާނެ އެވެ،" ބައްޕާފުޅުގެ ފޮތަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ވެރިއެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮންމެހެން ހުންނަން ޖެހޭ ކަންތައްތައް ފިޔަވައި އެއްވެސް ހާލެއްގައި ރައްޔިތުންގެ މައްޗަށް އޭނާގެ ނަފްސު އުފުލައި ހައިބަތާއި ޖާހުގެ ބޮޑުކަން އެކިއެކި މަޒާހިރުތަކުން ދައްކައި އެމީހުން ނިކަމެތިކޮށް އަޅުދާސްކޮށްގެން ނުވާނެ ކަމަށެވެ. އެއީ ކުރަން ހެޔޮނުވާނޭ ކަމެއް ކަމަށެވެ. އަދި ގައުމުގެ ސިޔާދަތު ލިބިގެންވާ ހަގީގީ ވެރިފަރާތް ކަމުގައިވާ ރައްޔިތުން އެކަމަށް ރުހިތިބެގެން ވެސް ނުވާނެ ކަމަށް ބައްޕާފުޅުގެ ފޮތަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވި އެވެ.
ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމަލުތައް ބައްޓަންކޮށްފައި ވަނީ އެކަން ހަނދުމަފުޅުގައި ބަހައްޓަވައިގެން ކަމުގަ އެވެ. އެގޮތުން މަސައްކަތް ކުރައްވާފައި ވާނީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނަށް ޓަކައި ކަމުގަ އެވެ. އަދި މިއަދު މި ވަނީ ސިޔާސީ ވާދަވެރިން ދުރަށްލައި އެއްފަރާތްކުރި ޒަމާން ނިމިފައި ކަމަށާއި ކޮމިޝަންތައް ނުހައްދަވާނޭ ކަމަށާ އަދި މައްސަލަތައް ބައްލަވާނީ ގާއިމުކުރެވިފައިވާ ނިޒާމުތަކުގެ ތެރެއިން ކަމުގައި ފާހަގަކުރެއްވި އެވެ.
ވޭތުވެދިޔަ 51 ހަފުތާ އާއި ދެ ދުވަހު މަސައްކަތްޕުޅު ކުރައްވާފައި ވާނީ، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ. އެމަނިކުފާނު ކުރައްވަން މަސައްކަތްޕުޅު ކުރައްވަނީ ވެސް އަދި ބޭނުންފުޅު ވަނީ ވެސް، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކުރައްވާ ހެޔޮވެރިކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.