Ad

ސައުދީ ފަންޑާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ސައޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓާ އެކު ގުޅުން ބަދަހިކުރެވޭނެ އާ ގޮތްތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ކުރިއަށް ދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތޯން ބިން އަބްދުއްރަހްމާން އަލް މަރްޝަދާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ، ދިވެހިރާއްޖެ އާއި ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ދެ ފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އާ ގޮތްތައް ހޯދުމާ ގުޅޭގޮތުންނެވެ.

ރައީސް އޮފީހުން ބުނީ ސައުދީ ފަންޑުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއުތައް ކުރިއަށްދާ ގޮތް މި ބައްދަލުވުމުގައި މުރާޖައާކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި އެނޫންވެސް ބިނާރާއި މަސްވެރިކަމާ ގުޅޭ މަޝްރޫއުތައް ހިމެނޭ ކަމަށެވެ. ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ، މި މަޝްރޫއުތައް ވަގުތަށް ނިންމުމުގެ އަޒުމުގައި ސާބިތުވެ ތިއްބެވިކަން ފާޅުކުރައްވައި، ނަތީޖާ ނެރެވޭފަދަ ތަރައްގީގެ މަސައްކަތްތަކަށް ދެ ފަރާތުން ވެސް އިހްލާސްތެރިކަމާ އެކު ދޭ އަހައްމިއްޔަތު ފާހަގަކުރައްވާފައި ކަމަށް އެ އޮފީހުން ބުނެ އެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ރާއްޖެ އާއި ސައުދީ ފަންޑުން ހިއްސާކުރާ އިގުތިސޯދީ އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް، ދެ ފަރާތުގެ ގުޅުން ހަރުދަނާ ކުރުމަށާއި ފުޅާ ދާއިރާއެއްގައި އެއްބާރުލުންދިނުމުގައި ސާބިތުވެ ތިއްބެވުމަށް އެއްބަސްވެވަޑައިގަންނަވަމުން ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *