Ad
ޑރ. މުޙައްމަދު ސޯލިހު --- ފޮޓޯ: ވޯލްޑް ލެޕަރޮސްކޮޕީ ހޮސްޕިޓަލް (ވެބްސައިޓް)
ޑރ. މުޙައްމަދު ސޯލިހު --- ފޮޓޯ: ވޯލްޑް ލެޕަރޮސްކޮޕީ ހޮސްޕިޓަލް (ވެބްސައިޓް)

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީ.އީ.އޯގެ މަޤާމަށް ޑރ. މުޙައްމަދު ޞާލިޙް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ސ.ހުޅުދޫ، ކުއްޅަވައްގެ، ޑޮކްޓަރ މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ.

އެމަނިކުފާނު މިމަޤާމަށް ޢައްޔަންކުރައްވާފައިވަނީ، މިނިސްޓަރުންގެ ނައިބުންނާއި އެއް ފެންވަރުގައެވެ. ރައީސުލްޖުމްހޫރިއްޔާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ސީ.އީ.އޯ.އެއް ޢައްޔަންކުރައްވާފައިމިވަނީ، އެހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

ޑރ.މުޙައްމަދު ޞާލިޙަކީ، 15 އަހަރުވަންދެން ޞިއްޙީ ދާއިރާގެ ހިންގުމުގެ މަތީ ފަންތީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުކެވެ. އަދި އެމަނިކުފާނުވަނީ، 26 އަހަރު ދުވަހު ކްލިނިކަލް ކެއާގެ ދާއިރާއިންވެސް ތަޖުރިބާ ހޯއްދަވާފައެވެ.

ޑރ.މުޙައްމަދު ޞާލިޙް މާސްޓަރ އޮފް ސަރޖަރީ (ޖެނެރަލް ސަރޖަރީ) ހާސިލުކުރައްވާފައިވަނީ، ނޭޕާލުގެ ތްރިބުވަން ޔުނިވަރސިޓީ ޓީޗިންގ ހޮސްޕިޓަލުންނެވެ. މީގެއިތުރުން އެމަނިކުފާނުވަނީ، އިނގިރޭސިވިލާތުގެ ނޮޓިންގހަމް ޔުނިވަރސިޓީން މާސްޓަރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ ރާއްޖޭން ބޭރުގައި ހިންގާފައިވާ ޞިއްޙީ ދާއިރާއާ ގުޅޭ އެތަކެއް ތަމްރީން ޕްރޮގްރާތަކެއް ފުރިހަމަކުރައްވާ، އެތަކެއް ވަރކްޝޮޕްތަކާއި ކޮންފަރެންސްތަކުގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މިމަޤާމަށް ޑރ.މުޙައްމަދު ޞާލިޙު ޢައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނުވަނީ މެޑިކާ ހޮސްޕިޓަލުގެ ޗީފް ސަރޖަން އެއްގެ މަޤާމު ފުރުއްވާފައެވެ. ހަމައެއާއެކު، އެހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. މީގެއިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، އިތުރު އެހެން ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ އިސް މަޤާމުތައްވެސް އެމަނިކުފާނުވަނީ ފުރުއްވާފައެވެ.

ޑރ.މުޙައްމަދު ޞާލިހަކީ، މޯލްޑިވްސް އެންޓި ޑޯޕިންގ އެސޯސިއޭޝަނގެ ރައީސްއެވެ. އަދި އެމަނިކުފާނަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއާއި، މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އަދި މޯލްޑިވިއަން މެޑިކަލް ސްޓޫޑެންޓް އެސޯސިއޭޝަންގެ އެއް ބާނީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *