ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރު މަޖިލީހަށް ބަލައިގަތުމުގެ ކުރިން އިބްތިދާއީ ބަހުސް ނުކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އިސްލާހުކުރަން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނު ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާގައި ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވި. މި އިސްލާހާ ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން (އައްދު) އެވެ.
މެންބަރު ހަންނާނުގެ އިސްލާހުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަޅާ ގަރާރުތަށް ބަހުސް ކުރެވޭނީ، އެ ގަރާރެއް ބަލައިގަނޭތޯ ވޯޓަށް އެހުމަށް ފަހު ގަރާރު މަޖިލީހަށް ބަަލައިގަތުމުން ކަމަށެވެ.
މީގެ ކުރިން ގަވާއިދުގެ 191 ވަނަ މާއްދާގައި އޮންނަނީ، މަޖިލީހުގައި ގަރާރުގެ މައްޗަށް ވެސް ހިނގާނެ އުސޫލަކީ އާއްމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. ނަމަވެސް މަޖިލީހުން ގަރާރު ފާސްވުމުން، ބިލު ތަސްދީގު ކުރަން އޮންނަ އުސޫލުން ގަރާރު ތަސްދީގު ކުރަން ފޮނުވަން ނުޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އެހެންވެ ގަރާރުތަކާ މެދު މިހާތަނަށް އަމަލު ކުރަމުން އައީ މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަމަ ކިޔުން އިއްވައި، އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަން ހުޅުވައިލާ ގޮތަށެވެ. އެއަށް ފަހު މަޖިލީހަށް ބިލު ބަލައި ގަންނަ އުސޫލުން ގަރާރު ވެސް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީތަކަށް ފޮނުވަ އެވެ.
ނަމަވެސް މިއަދު މަޖިލީހުން ފާސްކޮށް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ، މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. އަދި ބަލައިގަންނަން ފާސްނުވެއްޖެނަމަ އެ ގަރާރަށް ބަހުސްކުރުމަކާނުކައި ގަރާރު ބޭރުވީ ކަމަށެވެ.




