ކުދި ޖަޒީރާ ގައުމުތަކަށް އެކަށޭނަ ގޮތައް 'ޕްރައިސް' ރިޕޯޓިންގ ނިޒާމު ބަދަލުކުރަން ޖެހޭ: އަޙްމަދު ޝާން

ޗައިނާ ޕެވިލިއަންގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް-17) ގެ ހަވާސާގައި، ޕެނަލް މަޝްވަރާގައި ވާހަކަ ދައްކަވަމުން ކުދި ޖަޒީރާ ގައުމުތަކަށް އެކަށޭނަ ގޮތައް 'ޕްރައިސް' ރިޕޯޓިންގ ނިޒާމު ބަދަލުކުރަން ޖެހޭކަމަށް އަޙްމަދު ޝާން ރާއްޖޭގެ ޑިރެކްޓަރ އަޙްމަދު ޝާން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.

މި ޕެނަލް މަޝްވަރާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިރުމަތީ، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ހާލަތާއި، ރިޕޯޓުކުރުމުގައި ދިމާވާ ދަތިތަކާއި އަދި ބޭނުންވާ ޚާއްސަ ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާން ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް)، ޚާއްސަކޮށް ތިރި ފަރުފަޅުތަކުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކަށް 'ޕްރައިސް' (PRAIS) ރިޕޯޓިންގ ޕްލެޓްފޯމް ބޭނުންކުރުމުގައި ދިމާވާ ފަންނީ ދަތިތައް ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު މި ޕްލެޓްފޯމް އެކުލަވާލެވިފައިވާ ގޮތާއި ބޭނުންވާ މަޢުލޫމާތުތަކަކީ، ރާއްޖެ ފަދަ ބިމުގެ ސަރަހައްދު ކުޑަ، ރަށްތައް ވަކިވަކިން ބެހިފައިވާ އަދި މޮނިޓަރ ކުރުމުގެ ގާބިލުކަން ކުޑަ ގައުމުތަކުގެ ހަގީގީ ހާލަތާ އެކަށޭނަ ގޮތަކަށް ހުރި ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ބިމުގެ ބޭނުން ހިފާ ގޮތް ދެނެގަތުމަށް ބޭނުންކުރާ ސެޓެލައިޓް ފޮޓޯތަކުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން، ރާއްޖޭގެ ތިމާވެށި ދެނެގަތުމަށާއި ޕްލޭން ކުރުމަށް މުހިންމުވާ ކުދިކުދި ބިމުގެ ގިރުމުގެ މައްސަލަތަކާއި އައްސޭރިފަށަށް އަންނަ ބަދަލުތައް ސާފުކޮށް ނުފެންނަކަން ޝާން ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އުއްމީދު ކުރަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ކޮޕް އާ ގުޅިގެން، ކުދި ޖަޒީރާ ގައުމުތަކާ ގުޅޭ އުސޫލުތައް އެކަށައެޅުމަށާއި، ރަނގަޅު ފެންވަރުގެ (ހައި-ރިޒޮލިއުޝަން) ޑޭޓާ ހޯދުމަށެވެ. އަދި ސައްހަ މައުލޫމާތު ރިޕޯޓުކުރުމަށާއި މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ގައުމުތަކަށް ބޭނުންވާ ފަދަ ޚާއްސަ ތަމްރީނާއި ގާބިލުކަން އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *