ޒުވާނުން ކުރިއެރުވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފު!

ޤައުމެއްގެ އެންމެ އަގުބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާނުންނެވެ.

ޤައުމުގެ މުސްތަޤްބަލު ބިނާވެފައިވަނީ ޒުވާނުންގެ ހަކަތައާއި، ފަންނުވެރިކަމާއި، އުފެއްދުންތެރި ވިސްނުމުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންނަށް ފަހި މުސްތަޤްބަލެއް ހޯދައިދިނުމެވެ. މިގޮތުން، ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތަކާއި، ވިޔަފާރި އަދި އިޖުތިމާޢީ އެކި ދާއިރާތަކުން ޒުވާނުން ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ އާބާދީއަށް ބަލާއިރު، ޒުވާނުންނަކީ މުޖުތަމަޢުގެ ބޮޑު އިންސައްތައެކެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "މޯލްޑިވްސް ޕޮޕިއުލޭޝަން އެންޑް ހައުސިންގ ސެންސަސް 2022″ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މިއީ ޤައުމުގެ ތަރައްޤީގެ އިންޖީނު ހިންގުމުގައި ޒުވާނުންގެ ދައުރު ކިތަންމެހާވެސް ބޮޑުކަން ހާމަކޮށްދޭ ހެއްކެކެވެ.

މި ހަޤީޤަތް ދެނެގަނެ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޚާއްޞަ ވުޒާރާއެއް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އުފައްދަވާފައެވެ.

ޒުވާނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގެ މުހިންމު އެއް ވަޢުދެވެ. ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގުތައް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

މީގެއިތުރުން، އީޖާދީ ވިސްނުންތަކާއި، ކްރިއޭޓިވް އިކޮނޮމީ އަދި ޑިޖިޓަލް ދާއިރާއިން ޒުވާނުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މިގޮތުން، ދިވެހި ޒުވާނުންނަށް ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭތައް މެދުވެރިކޮށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އޮންލައިންކޮށް އަމިއްލަ މަސައްކަތްކުރާ (ފްރީލާންސަރުން) ޒުވާނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.

ހަމައެއާއެކު، ޒުވާނުންނަކީ ދުޅަހެޔޮ، އަދި ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ކުޅިވަރާއި ތަމްރީނުގެ ދާއިރާއިން ގިނަ ފުރުޞަތުތަކެއް ދަނީ ތަނަވަސްކޮށްދެމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ މަރުކަޒުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން، ފަންނީ ތަޢުލީމާއި ވޮކޭޝަނަލް ޓްރެއިނިންގ ފުޅާކުރުމަށް ސަރުކާރުން ގެންދަވަނީ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުންނެވެ.

ޤައުމީ ލެވެލްގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޒުވާނުންގެ އަޑު އުފުލުމަށް ޖާގަ ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޒުވާނުންގެ ޚާއްޞަ ބޯޑެއް (ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު) އެކުލަވާލުމަކީ ސިޔާސަތު އެކަށައެޅުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެގެންދިޔަ ވަރަށް މުހިންމު ނިންމެވުމެކެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންގެ ކުރިއެރުމަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަންކަމެވެ. ތަފާސްހިސާބުތަކުން ފެންނަ ބޮޑު ޒުވާން އާބާދީގެ ޤާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ޤައުމުގެ އެންމެ އިސް ސަފަށް ޒުވާނުން ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަކީ ދިވެހި ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު އުންމީދެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޤައުމު ބިނާކުރުމުގައި ޒިންމާދާރު، އުފެއްދުންތެރި، އަދި އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެފައިވާ މޮޅު ޒުވާން ޖީލެއް ބިނާވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *