މިއަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް ޖުމްލަ 8،039 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައިވާއިރު މީގެ ތެރެއިން 2،207 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. އެހެންކަމުން މިއީ މުޅި ޖުމްލަ ރިޕޯޓުކުރެވުނު މައްސަލަތަކުގެ %27.4 އެވެ.
މިއަހަރުގެ މިހާތަނަށް ޖުމުލަ 8039 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ:
• މަގުމަތީގެ އެކްސިޑެންޓް: 1,930 މައްސަލަ
• މަސްތުވާތަކެތީގެ މައްސަލަތައް: 1,717 މައްސަލަ
• ގެއްލިގެން ހުށަހެޅި ތަކެތި: 652 މައްސަލަ
• އަނިޔާކުރުން / މާރާމާރީ: 422 މައްސަލަ
• ތަންތަނަށާއި މުދަލަށް ގެއްލުންދިނުން: 407 މައްސަލަ
• ގެވެށި އަނިޔާ: 209 މައްސަލަ
• ޚިޔާނާތްތެރިވުން: 169 މައްސަލަ
• ޖިންސީ މައްސަލަތައް: 167 މައްސަލަ
• ފޭރުން: 100 މައްސަލަ
• ފޯޖަރީ/ކައުންޓަރފީޓް: 35 މައްސަލަ
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ވައްކަމުގެ މައްސަލަތައް ރިޕޯޓުކުރި އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 2،193 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ މައްޗަށް ގޮސްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ތެރޭގައި އެންމެ ގިނައިން ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މޭ މަހުއެވެ. އެ މަހު އެކަނިވެސް 339 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ފާއިތުވި އަހަރަށްވުރެ މިއަހަރު ކުށްތަކުގެ ނިސްބަތް އިތުރުވަމުންދާތީ، މިފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، ކުށް މަދުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.