އިންޖިނިއަރިންހ ދާއިރާގެ ތަހުލީލާއި ދިރާސާތައްކުރުމަށް ހާއްސް ލެބޯޓަރީއެއް ޤާއިމުކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަޙުލީލުކުރެވޭ އަދި ދިރާސާތައްކުރެވޭ ސްޓޭޓް އޮފް ދި އާޓް ނުވަތަ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ފެސިލިޓީއެއް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ގައިމްކުރެވޭ އެލެބޯޓަރީގައި ސިވިލް އިންޖިނިއަރުން، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއަރ އިންޖިނިއަރިން، އެއަރކްރާފްޓް އަދި އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސް، އޭއައި ޑިޖިޓަލް އިންޖިނިއަރިންގ ހިމެނޭހެން އެކި ކަހަލަ އިންޖިނިއަރިން ދާއިރާތަކުން ތަހުލީލުތައް އަދި ދިރާސާތައް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި އެތަނަކީ ރާއްޖޭގައި އެދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށާއި، ރާއްޖެއިން ބޭރުންއައިސްވެސް އެކި ފަރާތްތަކަށް ތަހުލީލުތައް ހެދޭނެ ފުރުޞަތު އޮންނަ ފަދަ ލެބޯޓަރީއަކަށް ވެގެންދާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ލެބޯޓަރީގެ މަސައްކަތަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި، އިންވެސްޓްމަންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ދެއވައި އެމަސައްކަތް ކުރެއްވުމަށް ނިންމަވާފައިވަނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެހެން ދެމެހެއްޓެނިވި ގޮތަކަށްކަމަށްވެސް ރައީސް ޑރ މުއިއްޒުގެ މެސެޖްގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ލެބޯޓަރީ ވެގެންދާނީ ދިވެހި ދަރިވަރުންނަށާއި، ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް އިންޖިނިއަރިން ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ ތަނަކަށްކަމަށެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އިންފްރާސްޓްރަކްޗަރ ގެ އެންމެ ބިޔަ މަޝްރޫއުކަމަށްވާ ސިނަމާލެ ބްރިޖްގެ މަސައްކަތް ނިންމައި އެ ބްރިޖް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.




