ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިރު ޑޮލަރުގެ އަގު ހުރީ 12.85 ރުފިޔާ ގައި ކަމަށާއި 15.42 ރުފިޔާއަށް ޑޮލަރުގެ އަގު ބަދަލުކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ރައީސް ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ސައްތާރު ވިދަޅުވީ މިހާރު ރައީސް ނަޝީދު ނިކުމެވަޑައިގެން ޑޮލަރުގެ އަގު ދަނީ އުފުލެމުން ކަމަސްވިދާޅުވެ ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކަށް ފާޑުވިދޅުވާއިރު ޑޮލަރުގެ އަގު އުފުއްލެވި ބޭފުޅަކީވެސް އެމަނިކުފާނު ކަމަށޭވެ.
އަދި ވެރިކަމުގައި ހުންނަވައި ޑޮަލަރުގެ އަގު ތިރިނުކުރެވުނު ބޭފުޅަކު ނުކުމެ ދައްކާ ވާހަކަ ރައްޔިތުން ގަބޫލުކުރައްވާނެތޯވެސް މެންބަރު ސައްތާރު ވަނީ ސްވާލު އުފައްދަވާފައެވެ.
ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިރު 12.85 ރުފިޔާ ހުރި ޑޮލަރެއްގެ އަގު 15.42 ރުފިޔާއަށް ބަދަލުކުރެއްވީ ހަމަ އެމަނިކުފާނު ނޫންތޯ؟، މެމްބަރު ސައްތާރު ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރު ސައްތާރު ވިދާޅުވީ މިފަދަ ކަންކަމުންވެސް ދޭހަވަނީ ގައުމުގެ ހާލަތަށް ވިސްނާނުލައި ވެރިކަމާ ތޮޅުމުގެ އަމާޒު ބައެއް ސިޔާސީ ބޭފުޅުންގެ ކިބައިގައި މިހާރު ވެސް ހުރިކަންކަމަށާއި، އިދިކޮޅު ފަރާތްތަކުން އުޅެނީ ވަކި ކަހަލަ ޕްރެޝަރުތަކެއް ސަރުކާރާ ކުރިމަތިކުރުވައިގެން ވެރިކަން ވައްޓާލަން ކަމަށެވެ.
އެގޮތުން ނިންމުމާ ދެކޮޅަށް ތެދުވުމަށް ސިޔާސީ ބައެއް ބޭފުޅުން ރިސޯޓު ވެރިންނަށް ގޮވާލަމުންދާއިރު މި ގަވާއިދާ ދެކޮޅު ހެދުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަދި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ހަމަކަން ބޮޑު ގޮތެއްގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.




