ކާށިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 30 ވަނަ ދުވަހު ކަމަށެވެ. އަދި މި އޮޕަރޭޝަންގައި އެމީހުންގެ އަތުން 32.55 ގުރާމްގެ މަސްތުވާތަކެތި ކަމަށްބެލެވޭ ތަކެތިވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަންގައި ކާށިދޫ 10 ގެއެއް ބަަލައިފާސްކޮށް 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އޭގެ ތެރެއިން ހަތަރު މީހުން ވަނީ ދޫކޮށްލާފައެވެ. އަނެއް ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން، ކ. ކާށިދޫ، ރިހިތަރި / މުޙައްމަދު އަޙުދު (30އ) އާއި، ގދ. ރަތަފަންދޫ، ދިލްޝާދުގެ / ޣާނިމް މުފީދު (26އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ކ. ކާށިދޫ، ރެޑިއަމްގެ / ޢަބްދުލްޢަލީމް މުޙައްމަދު (37އ) އާއި، މާލެ، ގ. މާލެހިޔާ 2 02-13 /މަދީޙް ރަޝީދު (29އ) އާއި، ކ. ކާށިދޫ، ޝަބްނަމްގެ / ނަޒާން މުޙައްމަދު ޝާކިރު (22އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.




