ޗާގޯސް މައްސަލާގައި ދިވެހި ރާއްޖެއާ މަޝްވަރާ ކުރާކަށް ނުކެހޭކަމަށާއި، އެ މައްސަލަ އޮތީ އިނގިރޭސިވިލާތާ މޮރިޝަސް އާއި ދެމެދުގައި ކަމަށް އިނގިރޭސިވިލާތުން ނބުނެފި އެވެ.
އިނގިރޭސިވިލާތުން މިހެން ބުނެފައި މިވަނީ ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައި ސިޓީކޮޅެއް ފޮނުވާފައި ވަނިކޮށެވެ.
ޗާ ގޯސް ނުވަތަ ފޯޅަވަހި މައްސަލާގައި މަޝްވަރާކުރުމަށް ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ މުއިއްޒު އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ފޮނުވާފައިވާ މި ސިޓީފުޅާ ގުޅިގެން އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާ މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގަވާއިދުން މަޝްވަރާތައް ކުރައްވާ ކަމަށާއި، ނަމަވެސް ޗާގޯސްގެ ސިޔާދަތާ މެދު އޮތް މައސަލަ އަކީ އިނގިރޭސިވިލާތާ މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީގައި މަޝްވަރާގެ ދައުވަތުގެ އިތުރުން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ޔޫކޭއިން ނިންމި ނިންމުމާ މެދު އޮތް ކަންބޮޑުވުންތައް ފާޅުކުރެއްވި އެވެ.
އެގޮތުން މިސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި ތާރީޚީގޮތުންވެސް ފެންނާން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމުގައި ފާހަގަކުރައްވައި، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ ރައީސް ޑރ މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
މިސިޓީފުޅުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.




