މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި 1.3 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލާފައިވާކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގައި ފުލުހުންގެ ތަފާސްހިސާބުތަކަށް އަލިއަޅުވައިލައްވައި ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މުއާމަލާތްކުރާ އެއް ތަނަކަށް ފުލުހުން 180 ފަހަރު ވަތް ކަމަށެވެ. އަދި މަސްތުވާތަކެތި ސަޕްލައިކުރެވޭ ވަރު މަދުކުރުމަށްޓަކައި އެކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް 508 އޮޕަރޭޝަނެއް ހިންގިފައިވާކަމަށެވެ. އަދި މި އޮޕަރޭޝަންތަކުގައި މިހާތަނަށް 1.33 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި ތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި 23 މައްސަލައެއް މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން 17،000އެއްހާ ރާފުޅިތައް ރަށްރަށަށް ގެންދަނިކޮށް އަތުލައިގެންފައިވާ ކަމަށާއި، ރާ އެތެރެކުރާ ބައެއް ފަރާތްތަކުގެ ހުއްދަ ވެސް ހިފަހައްޓައިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ވަނީ ފަށާފައެވެ.




