އަންހެން މަސްވެރިޔާގެ އެވޯޑާއެކު މަސްވެރިކަމުގެ ދާއިރާއިން އެވޯޑުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް 4 އެވޮޑަކަށް ކުރިމަތިލާން މިއަހަރު ހުޅުވާލާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ، އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު އެވޯޑާއި، އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑާއި، ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑާއި، ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު އެވެ.
ޚިދުމަތްތެރި ޒުވާން ކެޔޮޅު އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އުމުރުން 35 އަހަރުން ދަށުގެ މަސްވެރިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ އަދި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ޒުވާނުންނަށެވެ.
އެންމެ ތަޖުރިބާކާރު ކެޔޮޅު (އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އުމުރުން 35 އަހަރުން މަތީގެ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ އަދި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށެވެ.
މީގެ އިތުރުން ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލެވޭނެ ކަމަށް ބުނެފައިވަނީ އާމްދަނީ ހޯދުމުގެ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށެވެ. އަދި
ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑަށް ކުރިމަތިލެވޭނެކަމަށް ބުނެފައިވަނީ މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ އަންހެނުންނަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މި އެވޯޑްތަކަށް ޝަރުތުހަމަވާ ފަރާތްތަކުން އެވޯޑަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަދި އެވޯޑަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް (www.fishagriocean.gov.mv) އިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށާއި، އަދި ފުރިހަމަކޮށްފައިވާ ފޯމު fisheriesmanagement@fishagriocean.gov.mv އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.




