2010 ވަނަ އަހަރު ސަރުކާރުން ހިންގި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިބާ ބިންތަކެއް ވިއްކަން އިއުލާނުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ވެށިފަހި ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ގަތުމުގެ ފުރުސަތު އެ ބިމެއް ހިމެނޭ ގޯތީގެ ބެހެނިވެރިންނަށާއި، އެ ބިމާ އިންވެގެން އޮންނަ ގޯތި ތަކުގެ ވެރިފަރާތްތަކަށް ވިއްކަން ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން ވިއްކަން އިއުލާނުކޮށްފައިވަނީ މާލެ މާފަންުނުގައި އޮތް 21 ބިމަކާއި މައްޗަންގޮޅީގައި އޮތް 10 ބިމަކާއި، ހެންވޭރުގައި އޮތް 9 ބިމަކާއި، ގަޅޮލުގައި އޮތް 7 ބިމެއްގެ އިތުރުން ވިލިމާލޭގައި އޮތް 2 ބިމެކެވެ.
ބިން ވިއްކާ އަގު ކަމަށް އެ މިނިސްޓްރީން ބުނެފައިވަނީ އަކަފޫޓެއް 2000 ރުފިޔާ އެވެ. އަދި ބިންގަންނަން ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ފޯމު ހުށަހެޅުމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.




