"މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026″ ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާި މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި އެކްސްޕޯ އިފްތިތާޙުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދަޢުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މައުރަޒަކީ ޞިއްޙީ ދާއިރާގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުޅަހެޔޮދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ.
މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވި މި މައުރަޒުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް ފޯރުކޮދެވޭނެއެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މި މަސައްކަތުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދާނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން 7 އަށެވެ.




