Ad

ޓެރަރިޒަމްއާ ކުރިމަތިލުމުގައި ދޭދޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމު – މާރިޔާ

ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢަށްވެސް އާންމުވެފައިވާ ގޮންޖެހުމެއް ކަމަށް ވިދާޅުވެ، މިގޮންޖެހުމާ ކުރިމަތިލުމުގައި ދޭދޭ ޤައުމުތަކުން މިހާރަށްވުރެ ބޮޑަށް އިންޓެލިޖަންސް ޙިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، އެމް.އެން.ޑީ.އެފްގެ މެރިންސް އާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓަރ ޓެރަރިސްޓް ކްލޯސް ކުއަރޓަރ ބެޓަލް ކޯސް ނިންމުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ލ.ކައްދޫގައި ހުންނަ އެމް.އެން.ޑީ.އެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ މައި މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރވަނީ، ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށާއި، އެއަށް އިޖާބަދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިނިސްޓަރވަނީ، ސަރުކާރުން އެކުލަވާލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ޙާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު އެމް.އެން.ޑީ.އެފްއަށް ދީފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރވަނީ، ދިފާޢީ އަދި ސަލާމަތީ ރޮނގުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމުގައި އާ ބާބެއް ހުޅުވިގެން ދިޔަކަން މި ތަމްރީން ޕްރޮގްރާމުން ރަމްޒުވާކަން ފާހަގަކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ.

އަދި ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ ދިވެހިރާއްޖޭގެ އިޤްޠިޞާދާއި، ދިވެހިރާއްޖޭގެ ރަށްތަކުންނާއި ރައްޔިތުންގެ ފަރާތުން، ފަތުރުވެރިންނަށް އަބަދުވެސް ލިބޭ ލާމަސީލު މެހެމާންދާރީއާއި އުފަލާއި ހިތްހަމަޖެހުމާ ހުރި ގުޅުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.  މިނިސްޓަރ މާރިޔާ ވިދާޅުވީ، ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ޤައުމުގެ ރައްޔިތުންނަށް އަމާން، ޞުލްޙަވެރި ވެށްޓެއް ކަށަވަރުކޮށްދީ، މިވެށި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ވަރަށް މުހިންމު ކަމަށެވެ.

މި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރަން ރޯޒްލަރއާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، ސެންޓްރަލް އޭރިޔާގެ ސިފައިންނާއި އިނގިރޭސިވިލާތުގެ ޓްރެއިނިންގ ޓީމުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *