Ad
ނައިބުރައީސް އެއަރޕޯޓުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުން. ފޮޓޯ:ރައީސްއޮފީސް
ނައިބުރައީސް އެއަރޕޯޓުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުން. ފޮޓޯ:ރައީސްއޮފީސް

އެއަރޕޯޓުތަކުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ނައިބުރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އެއަރޕޯޓުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލައްވާފައިވަނީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ "ޕީކް ސީޒަން"ގައި، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވިކަމާއި ލުއިފަސޭހަކަމާއި، ރައްކާތެރިކަމާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ޚާއްޞަ ހާލަތެއް ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ، މި ކަމުގައި ޝާމިލުވާ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނުވަނީ، އެއަރޕޯޓުތަކަކީ މިހާރުވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާ ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް ރައްކާތެރި ގޮތެއްގެ މަތިން ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެއަރޕޯޓުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ކަންކަން ބެލެހެއްޓުމަށް އެކަށައަޅާފައިވާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެދިވަޑައިގަންނަވާފައެވެ.

ދަތުރުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތުވެސް ބައްދަލުކުރެއްވުމުގެ ބައިވެރިންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނައިބުވަނީ، އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާކުރައްވާ، އިރުޝާދު ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *