ކުޑަ އަންހެން ކުއްޖަކާމެދު ގަދަކަމުން ޖިންސީ ޢަމަލު ހިންގި މައްސަލައެއް އެކުއްޖާގެ ބެލެނިވެރިންގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ކުއްޖާގެ އާއިލާއިން ބުނީ މި މައްސަލަ ފުލުހުންނަށާއި ޖެންޑަރއަށްވެސް ހުށައަޅާފައިވާކަމަށެވެ. އަންހެން ކުއްޖާގެ ޢާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކީ ތަފާތު އެކި ދުވަސް މަތިން އެކުއްޖާއާމެދު ގަދަކަމުން ޖިންސީ ޢަމަލު ހިންގި މައްސަލައެކެވެ. އެމައްސަލާގައި ތުހުމަތުކުރެވެނީ އެކުއްޖާގެ ޢާއިލީ ގޮޅުން އޮންނަ ފަރާތަކަށްކަމަށް މަޢުލޫމާތުލިބެއެވެ.
އިރުވަރު ނޫހަށް މަޢުލޫމާތުދެމުން އެކުއްޖާގެ މަންމަ ބުނީ މި މައްސަލަ ފުލުހަށާއި ޖެންޑަރއަށް ހުށައަޅާފައިވީނަމަވެސް ތުހުމަތު ކުރެވޭ މީހާ އަދިވެސް ހުރީ މިނިވަންކަން މަތީގައި ކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ފޯނު ހިފެޓުން ފިޔަވާ އެއްވެސް ފިޔަވަޅެއް ފުލުހުން އަދި އަޅާފައި ނުވާކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. ކުއްޖާގެ މަންމަ ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހަކީ މީގެކުރިންވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއްކަމަށާއި މި މައްސަލަ ދިމާވުމުން އޭނާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ބަހައްޓާތީ އާއިލާއިން ނުހަނު ކަންބޮޑުވާކަމަށެވެ. ތުހުމަތުކުރެވޭ މީހަކީ އެކުއްޖާއާއި ޢާއިލީ ގޮތުން އިތުބާރުކުރެވޭ މަޤާމެއްގައިހުރި މީހެކެވެ. މިމައްސަލަ ދިމާވެފައިވަނީ މާލޭސިޓީގައެވެ.