ސުޕްރީމް ކޯޓުގެ ފަަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން، ޖޫޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެތެރޭގައި ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިމިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއްސުޢޫދު މިމަހުގެ 4 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.




