ތައިލެންޑުން ރާއްޖެއަށް އެތެރެކުރި ކިލޯއެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ، ރޭ ދަންވަރު ވައިގެމަގުން ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތި 20 ޕެކެޓެއްގައި ފޮރުވާފައިހުރިއިރު، މި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
އަތުލައިގަތް މަސްތުވާތެކެތީގެ ބަރުދަނުގައި ޖުމްލަ 1097 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން ބުނެއެވެ. މަގުމަތީ އަގުން ބަލާނަމަ މިއީ ގާތްގަނޑަކަށް 877,600.00ރ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މިމައްްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ.




