ބިދޭސީންގެ އަތުން ނާޖާއިޒް ފައިދާ ހޯދަމުންދިޔަ އިމިގްރޭޝަންގެ އޮފިސަރުންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިނޭސ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންހާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން؛ އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ތަހްގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު މައުލޫމާތު ހާމަ ކުރަމުންދާނެ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޝަމްޢާން މަޤާމުން ވަކިކޮށްފައިވާ ކަމުގެ ޚަބަރުތަކެއްވެސް ދަނީ ފެތުރެމުންނެވެ. ނަމަވެސް ސަރުކާރުން ރަސްމީކޮށް މިކަމާ ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.




