ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ޝަމްއާން ހައްޔަރު ކޮށްފައި މިވަނީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކޮށް ބިދޭސީންގެ އަތުން ނާޖާއިޒް ގޮތުގައި ހޯދާފައިވާ ގިނަ އަދަދެއްގެ ފައިސާއާ ގުޅޭ މައްސަލަޔަކާ ގުޅިގެންނެވެ. އޭނާ ހައްުޔަރުކުރީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ރޭގެ ވަގުތެއްގައެވެ.
މި މައްސަލަޔާ ގުޅިގެން އިތުރު 3 މީހަކުވެސް ހައްޔަރުކުރިއެވެ. އޭގެތެރެއިން ދެ މީހުންގެ ބަންދަށް 10 ދުވަސް އަދި އަނެއް މީހާގެ ބަންދަން 3 ދުވަސް ކޯޓުން ޖަހާފައިވާކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީންގެ އަތުން ނާޖާއިޒް ފައިދާ ހޯދާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ބުރާސްފަތި ދުވަހުގެރޭ ވަކިކުރި މުޙައްމަދު ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށް ފުލުހުން ބުނީ ތަހުގީގުން މިހާތަނަށް ބެލިބެލުމުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި ބަލައިފާސްކުރި ގެއިން ޑިޓެންޝަނަށް ގެންދިޔަ ބިދޭސީން އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިކަމަށާއި އެ މީހުން ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރި ކަމަށެވެ. އަދި އެ ގެ ބަލައި ފާސްކުރަން އަމަލީގޮތުން އުޅުނު އިމިގްރޭޝަން މުވައްޒަފުން، މިނިވަންކުރި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، ބިދޭސީ އަތުގައި ހުރި ފައިސާތައް ހޯދައި އެ ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރަތަށް ވަތްކަން ފުލުހުންގެ ތަހުޤީޤުން އެނގޭކަމަށް ފުލުހުން ބުނެފައިވެއެވެ.




