މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަޙްމަދު މަޢުޞޫމް އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ ޞިއްހީ ވުޒާރާގެ ދަށުން ހިންގަމުންގެންދާ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަޙްމަދު މަޢުޞޫމް މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ. އަޙްމަދު މަޢުސޫމަކީ މެނޭޖްމަންޓް ދާއިރާގައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. މީގެ ކުރިން މަޢުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައިވެސް މަސައްކަތް ކުރައްވާފައެވެ.
ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.




