ނުކުޅެދޭ ކުދިންނަށް މަލާމާތް ރައްދުވާގޮތަށް ރާއްޖެޓީވީން ދެއްކި ވާހަކަ އެޗްއާރުސީއެމުން ކުއްވެރިކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ ރާއްޖެ ޓީވީގެ ”ކާލާ ބައިސާ“ ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން އެ ކޮމިޝަނުން ކުށްވެރިކުރާކަމަށެވެ.
"މުޖުތަމައުގެ އެހެންމީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްޤުތައް އެއްހަމައެއްގައި ލިބިދީފައިވެއެވެ. ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވެއެވެ. އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލަމެވެ." ހިއުމަން ރައިޓްސް ކޮމިޝަންގެ މެސެޖުގައި ވެއެވެ.
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯން އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައި އެކުދިންނަށް މަލާމާތްކޮށް ވަނީ ހަޖޫޖަހާފައެވެ.
ކާލާ ބައިސާ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވައި ސަރުކާރަށް ފާޑުވިދާޅުވަމުން ޕާޕާ ވަނީ ރައީސް މުޢިއްޒު އޯޓިޒަމްއާ ގުޅުވާލާފައެވެ.
"ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން." ޕާޕާ ފަޔާޒު ބުންޏެވެ.
އޭނާ މިހެން ބުނުމުން މޮސްޓާ ވަނީ އެއަށް ބާރުދެއްވައި ޖޯކު ޖައްސަަވަމުން ރައީސްގެ "އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ." ކަމަށް ބުނެފައެވެ.
އެއާއެކީ ޓީވީ ޕްރެޒެންޓަރާއެކު އެމީހުން ވަނީ ހީ މަލާމާތްކޮށްފައެވެ.
މި ޕްރޮގްރާމްގައި ދެއްކިވާހަކައާއި ގުޅިގެން ރާއްޖެޓީވީން ވަނީ މާފަށް އެދި ބަޔާނެއް ނެރެފައެވެ.




