ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޤަވާއިދާ ހިލާފަށް ސިނގިރޭޓް ކާޓަން ބޭރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު އައިހަމް (23އ)، ގަސްކަރަ، ނ. ވެލިދޫ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ 15:55 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީން ގަވައިދާ ހިލާފަށް ސިނގިރޭޓް ބޭރު ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ ގެ ވަގުތެއްގައި ކަމަށެވެ. މިމައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޤަވާއިދާ ހިލާފަށް އެއަރޕޯޓުން ސިގިރޭޓް ބޭރުކުރަން އުޅުނު މައްސަލައިގައި މީގެ ދެދުވަސްކުރިންވެސް ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. މީގެތެރޭގައި ފުލުހަކުވެސް ހިމެނެއެވެ. މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން އެދެމީހުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. މިމައްސަލަ ތަހުޤީޤު ކުރަމުންދާތީ ފުލުސްމީހާ ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައެވެ.




