މަސް ރައްކާކުރަން މިވަގުތު ހުރި 9 ހާސްޓަނުގެ ޖާގަ، މިދައުރު ނިމުމުގެ ކުރިން 25 ހާސް ޓަނަށް އިތުރު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް، ނުވަތަ ވެލިއު އެޑްކުރުމަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވާކަމަށެވެ.
"ވަރަށް ވަރަށް ބޮޑަށް އިސްކަންދެން، ވެލިއުއެޑް ކުރުމަށް އިނގޭތޯ. އެ އަގު އެއަށް އިތުރުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކަށް. މިސާލަކަށް ދަންނަވަންޏާ، ކަޅުބިލަމަސް ރައްކާކުރެވޭ ކެޕޭސިޓީ މިވަގުތު ހުރީ ގާތްގަނޑަކަށް 9000 ޓަނު، 9500 ޓަނު. އަޅުގަނޑުމެން މިހާރު މި ފަށާފައި ހުރި މަޝްރޫޢުތައް މި ފަސް އަހަރު، ބާކީ މިއޮތް ހަތަރުވަރަކަށް އަހަރު، ތިން އަހަރާއި ބައިގެ ތެރޭގައި، މިހާރު އެދާ ސްޕީޑްގައި ގޮސް، މި ޢަދަދު 25000 ޓަނާ ހަމަޔަށް އިރާދަކުރެއްވިއްޔާ އިތުރުކުރެވޭނެ އިނގޭތޯ. އަޅުގަނޑު ވަޢުދުވެފައި އޮންނާނީ ދެގުނަކުރަން. ދެގުނައަށްވުރެ ތަންކޮޅެއް ބޮޑުވާނެ،" ރައީސް ވިދާޅުވިއެވެ.
އަދި ހަމަ މި މުއްދަތުގެ ތެރޭގައި ޕްރޮސެސިންގ ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށްވެސް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. އަދި މި މަޝްރޫޢުތަކަކީ ކަންބޮޑުވުމެއް ނެތި ކުރިއަށްދާނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައިހުރި މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.
މިއަދުގެ އެޕިސޯޑުގައި އެމަނިކުފާނު ވަނީ، ތެލާއި އައިސް ލިބުމުގައި މަސްވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުއިކަމެއް ހޯއްދަވައިދެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
"އައިސް ޕްލާންޓްތަކަށް ބަލާއިރުގައިވެސް، މިވަގުތު ހުރި އައިސް ޕްލާންޓްތަކުގެ ކެޕޭސިޓީއަށްވެސް، މި ފަސް އަހަރު ތެރޭގައި، މި ދައުރު ތެރޭގައި އަޅުގަނޑުމެން މިހާރު މި ފަށާފައި ހުރި މަސައްކަތުން 600 އަށްވުރެ ގިނަ ޓަނުގެ ކެޕޭސިޓީ އިތުރުކުރެވިގެންދާނެ އިނގޭތޯ." ރައީސް ވިދާޅުވިއެވެ.
ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް އަދި ވަޞީލަތް ޤާއިމުކުރެއްވުމުގެ ގޮތުންކަމުގައިވިޔަސް، މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަން ކުރައްވަނީ، މަސްވެރިންގެ އަޑު ގާތުން އައްސަވައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރު ނިމެން ވާއިރަށް ކޮންމެ އަތޮޅެއްގައި، ކަނޑައެޅިފައިވާ ރަށަކުން، އެސް.ޓީ.އޯ ރޭޓުން ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމުގެ މަޢުލޫމާތު އެމަނިކުފާނު ހާމަކުރެއްވިއެވެ. އާރް.އެސް.ޑަބްލިއު ނިޒާމުތަކަކީ މަސްވެރިކަމުގެ މުސްތަޤުބަލުގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމަށް ބޭނުންވާ އިތުރު ލޯނުތައް ދޫކުރެއްވުމަށް ހަމަޖެހިފައިވާކަންވެސް ހާމަކުރައްވާފައެވެ.




