ފައިސާ މަދުވެއްޖެނަމަ އެކަމާ ކަންބޮޑުވެއެވެ. ޢުމުރު އުނިވާތީ އެކަމާ ކަންބޮޑުނުވެއެވެ. ފައިސާއަކީ އަނބުރާ ހޯދޭނޭ އެއްޗެކެވެ. އުނިވާ ޢުމުރަކީ އަނބުރާ ހޯދޭނޭ އެއްޗެއް ނޫނެވެ.
ކޮންމެ ދުވަހަކުވެސް ﷲ ގެ ރިޒްޤުން ތިބާ ކަމުއެވެ. އެއީ ޙަލާލު އެއްޗެއްނަމަ އެ ރިޒްޤާ ބެހޭގޮތުން ތިބާއާ ސުވާލުކުރެވޭނެއެވެ. ﷲ ދެއްވި ރިޒްޤުން ލިބުނު ހަކަތަ ހޭދަކުރީ ﷲ އަށް ކިޔަމަންގަތުމުގައިތޯ ސުވާލު ކުރެވޭނެއެވެ. އެއީ ޙަރާމް އެއްޗެއްނަމަ ތިބާއަށް ޢަޛާބު ދެވޭނެއެވެ.
ކޮންމެ ދުވަހަކުވެސް ތިބާ އާޚިރަތާ ކައިރިއަށް ޖެހިލައެވެ. އަދި ދުނިޔެއާ ދުރަށް ޖެހިލައެވެ. އެހެންކަމާ އެކުވެސް ފަނާވަނިވި ދުނިޔެއަށް ތިބާ އިސްކަންދޭވަރަށް ދާއިމަށް ދެމިހުންނަނިވި އާޚިރަތަށް ތިބާ އިސްކަމެއް ނުދެއެވެ.
ތިބާގެ މަންޒިލަކީ އުފުލިގެންވާ ބަގީޗާތައް ކަމެއް ނުވަތަ އުތުރިއަރާ އަލިފާން ކަމެއް ތިބާއަކަށް ނޭނގޭނެއެވެ. ހަމަކޮންމެ ދުވަހަކު ތިބާގެ އަމިއްލަ ނަފުސުން އުނިވާ އުނިވުން އުނިވޭވޭ ހުއްޓާ، އާޚިރަތް ލިބިގަންނަން މަސައްކަތްނުކޮށް، ހަމަކޮށްމެދުވަހަކު ހިތް ހަމަޖެހިލައިގެން ހުރެވޭ ހެއްޔެވެ؟
އައްޝައިޚް މުޙައްމަދު ޝާފިޢު