2024 ވަނަ އަހަރު ރާއްޖޭގައި 132 މިލިއަން އޮންލައިން ޓްރާންސެކްޝަން ހަދާފައިވާ ކަމަށާއި އޮންލައިންޓް ޓްރާންސެކްޝަންތަކުގެ ވެލިއު އަކީ 768.5 ބިލިޔަން ރުފިޔާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ޕޭމެންޓްސް ބުލެޓިންގައިވާގޮތުން 2024 ވަނަ އަހަރު އިކޮނޮމީގައި ދައުރުވަމުންދާ ފައިސާގެ އަދަދަކީ 4.2 ބިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު އިކޮނޮމީގައި ދައުރުވި ފައިސާގެ އަދަދކީ 4.1 ބިލިއަން ރުފިޔާ އެވެ.
އެހެން ކަމުން 2023 ވަނަ އަހަރައާއި އަޅާ ބަލާއިރު އިކޮނޮމީގައި ދައުރުވި ފައިސާ ވަނީ 2024 ވަނަ އަހަރު 5 އިންސައްތަ އިތުރުވެފައެވެ. އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން ދައުރުވަމުންދިޔަ ފައިސާގެ އަދަދު އިތުރުވެފައިވަނީ އޭޓީއެމް ޚިދުމަތްތައް އިތުރުވުމާ ގުޅިގެންނެވެ.
އެ ރިޕޯޓްގައިވާގޮތުން 2024 ވަނަ އަހަރު އެކައުންޓުން ނަގުދު ފައިސާ ނެގުމުގެ 8.5 މިލއަން މުއާމަލާތް ހިންގާފައިވާއިރު އޭގެ ތެރެއިން 96 އިންސައްތ މުޢާމަލާތްތައް ހިންގާފައިވަނީ އޭޓީއެމް މެދުވެރިކޮށެވެ. އަދި ބާކީ ހުރި މުޢާމަލާތްތައް ހިންގާފައިވަނީ ޕީއޯއެސް ޓާމިނަލްތަކުންނާއި ބޭންކު ގޮފިތަކުންނެވެ. މިގޮތުން 2024 ވަނަ އަހަރު 34.8 ބިލިޔަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދަދަކީ 2023 ވަނަ އަހަރާ އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ. 2023 ވަނަ އަހަރު މި އަދަދު ހުރީ 34.9 ބިލިޔަން ރުފިޔާގައެވެ.
އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު އެކައުންޓް ޓްރާންސްފާގެ 132.3 މިލިޔަން މުޢާމަލާތްކޮށްފައި ވެއެވެ. އަދި މި އެކައުންޓް ޓްރާންސްފާގެ ޖުމްލަ އަގަކީ 768.5 ބިލިޔަން ރުފިޔާއެވެ. އޭގެ ތެރެއިން 93 އިންސައްތ އަކީ އިންޓަރ-ބޭންކް ޓްރާންސްފަރއެވެ. އަދި އިންޓަނެޓް ޓްރާންސް ފާގެ ޖުމްލަ އަގަކީ 372 ބިލިޔަން ރުފިޔާއެވެ. ޓްރާންސްފަރ މުޢާމަލާތްތަކުގެ ތެރެއިން 97 އިންސައްތަ އަކީ މޯބައިލް ބޭންކިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮށްފައިވާ ޓްރާންސްފަރއެވެ. އަދި ބާކީ ހުރި ޓްރާންސްފަރތައް ކުރެވިފައިވަނީ އޭޓީއެމް އަދި އެހެނިހެން ގޮތްގޮތުންނެވެ.
2024 ވަނަ އަހަރު، ކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކުގެ ޖުމްލަ އަދަދު 26 އިންސައްތަ އިތުރުވެފައިވާއިރު 80.8 މިލިޔަނަށްވުރެ ގިނަ މުޢާމަލާތް ހިންގާފައިވަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި މުޢާމަލާތްތަކުގެ ޖުމްލަ އަގު 34.8 ބިލިޔަން ރުފިޔާގައި ހުރިއިރު، 2023 ވަނަ އަހަރު މިއަދަދު ހުރީ 34.7 ބިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ 0.2 އިންސައްތަ އިތުރު އަދަދެކެވެ.
އަދި މިދިޔަ އަހަރު ޕީއޯއެސް ޓާމިނަލްތައް މެދުވެރިކޮށް ކުރެވުނު ކާޑު މުޢާމަލާތްތައް 29 އިންސައްތަ އިތުރުވެ، ޖުމްލަ 64.6 މިލިޔަން މުޢާމަލާތަށް އަރާފައިވެއެވެ. މިއީ ކާޑުން މި ދިޔަ އަހަރު ކޮށްފައިވާ މުޢާމަލާތްތަކުގެ 80 އިންސައްތަ އެވެ.