ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރު ލިބުމުގައި ހުރި ދަތިކަން ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ފައިސާ ލިބުމުގައި ހުރި ދަތިކަން ކަމަށާއި މި މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވައިގެން މުހިންމު ސިޔާސަތުތަކެއް އެކަށައަޅަމުންދާކަމަށްވެސް މިނިސްޓަރ ހަސަން ޒަރީރު ވިދާލުވިއެވެ.
އަދި ރާއްޖެ އެތެރެވާ ޑޮލަރު ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އައު ޤަވާޢިދުތަކަށް އަމަލުކުރަން ފެށުމުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި ޙާއްސަކޮށް ޓޫރިސްމް ދާއިރާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުމަށް ލާޒިމުކުރާ ޢުސޫލުގެ ސަބަބުން، ބޭންކުތަކުން ޢާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ޑޮލަރު ދޫކުރާ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޒަރީރު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލްކުރުމަށާއި، ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ މަގު ފަހިކޮއްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށާއި މީގެއިތުރުން ދަޢުަލަތުގެ ޙަރަދުތައް ކުޑަކޮށް ރާއްޖޭގެ ރިޒާވް ވަރުގަދަކުރުމަށް މިވަގުތު ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.