އެމްއެމްއޭގެ ރޭޓާ ޙިލާފަށް ބޮޑު އަގުގައި ބޭރުފައިސާ ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރުފައިސާއާ ބެހޭ ޤާނޫނަށް އިސްލާޙުގެންނަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮއްފިއެވެ.
މާލިއްޔަތު ކޮމެޓީން އެ ގާނޫނަށް ގެންނަން ފާސްކުރި އިސްލާހުތަކުގައިވާގޮތުން، ޓޫރިޒަމް ދާއިރާގެ އިތުރުން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭރު ފައިސާ ލިބޭ ފަރާތްތަކުން އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ލާޒިމުކުރުމާއި. އަދި ކެޓެގަރީ އޭގެ ޓޫރިޒަމް ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން ހިމެނެއެވެ.
އަދި އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތިން ބޭރުފައިސާ ގަނެވިއްކުމާއި، ވިއްކަން އުޅުމުގެ އިތުރުން އެފަދަ ރޭޓުތައް އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މެންބަރު މުޙައްމަދު މަމްދޫޙު ވަނީ އިސްލާޙު ހުށަހަޅުއްވާފައެވެ.
އަދި އެ ޤާނޫނާ ޙިލާފުވާ ފަރާތްތައް ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް މި އިސްލާޙުގައި ބަޔާންކޮއްފައިވެއެވެ.
މެންބަރު މަމްދޫހު ހުށަހެޅުއްވި އިސްލާޙުތަކާއެކު މާލިއްޔަތު ކޮމިޓީން ފާސްކުރި ބޭރުފައިސާ ބެހޭ ބިލުގައިވާ ގޮތުން، އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރުފައިސާ ގަނެވިއްކުމުގެ މަޢުލޫމާތު އެއްވެސް ވަސީލަތަކުން ފެތުރުމަކީ މަނާކަމެކެވެ.
އަދި މިފަދަ ޢަމަލެއް ކޮއްފިނަމަ ޢާއްމު ފަރުދުން 25،000 އާއި 500،000 ރުފިޔައާ ދެމެދުގެ އަދަދަކުން، އަދި ޤާނޫނީ ފަރުދެއްނަމަ 100،000 އާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެއެވެ.