އެމްޑަބްލިޔުއެސްސީއާއި އެ ކުންފުނީގެ ސަބްސިޑަރީ އައިލެންޑް ބެވަރެޖް ހިމެނޭހެން ނެރުނު 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ ވަނީ 12 ޕަސެންޓް ދަށްވެ، 1.37 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.
އެކުންފުނީގެ އާމްދަނީ ދަށްވުމާ ގުޅިގެން ސާފު ފައިދާ ވެސް ވަނީ 217 މިލިއަން ރުފިޔާއިން 145 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެ ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފެނާއި ނަރުދަމާގެ ޚިދުމަތުން ލިބުނު 1.07 ބިލިއަން ރުފިޔާއާއި، އިމާރާތް ކުރުމުގެ މަޝްރޫއުތަކުން ލިބުނު 347 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން ފެންފުޅިއާއި އައިސް ވިއްކައިގެން 159 މިލިއަން ރުފިޔާ އަދި އެހެނިހެން ސާމާނު ވިއްކައިގެން 4.31 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ.
އެމްޑަބްލިޔުއެސްސީގެ އިދާރީ ޙަރަދުތަކުގެ ތެރޭގައި 2024 ވަނަ އަހަރު މުވައްޒަފުންނަށް 201 މިލިޔަން ޙަރަދުކޮއްފައިވާއިރު އެ އަދަދު މިދިޔަ އަހަރު ވަނީ 217 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. އޭގެތެރޭގައި މިދިޔަ އަހަރު މުސާރައަށް ހޭދަކޮއްފައިވާ 67.8 މިލިޔަން ރުފިޔައާއި މުވައްޒަފުން ތަމްރީނުކުރުމަށް ހޭދަކުރި 9.79 މިލިޔަން ރުފިޔާ ހިމެނެއެވެ.