މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޔަޒްމީދު މުހައްމަދު އައްޔަނުކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމާ އަންނަ އާދިއްތަ ދުވަހު ހަވާލުވެވަޑައިގަންނަވާ ޔަޒްމީދު އަކީ މީގެ ކުރިން ޖޭއެސްސީގެ ނައިބު ރައީސްކަމާއި، އޭސީސީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މެލޭޝިއާއިން އެމްބީއޭ ހާސިލުކުރައްވާފައިވާ ޔަޒްމީދަކީ އޭސީސީއޭ ސެޓިފައިޑް ޗާޓާޑް އެކައުންޓެންޓެއްގެ އިތުރުން ފައިނޭންސް އަދި ގަވަނަންސް ދާއިރާގެ ތަޖުރިބާކާރެކެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށްވެސް ޖަޒްމީދު ވާދަކުރެއްވި އެވެ.
ޔަޒްމީދު ޕެންޝަން އޮފީހާ ހަވާލުވެވަޑައިގަންނަވަނީ، އެ އޮފީހުން އެމްއެމްއޭއަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކައި ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓްކުރަން ނިންމުމާ ގުޅިގެން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މި ނިންމުމަކީ އިގްތިސޯދަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ، ސީއީއޯ އާއި ޗެއާމަން ހިމެނޭހެން ބޯޑުގެ ބައެއް މެންބަރުންނާއި އިސްވެރިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.