މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ޖުމްލަ 2.4 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %14.4 އިތުރު އަދަދެކެވެ. ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ކޮންމެ ބާވަތަކުންވެސް ވަކިވަކިން 1.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ދެ ބާވަތުންވެސް ވަނީ %14 އަށްވުރެ ބޮޑު ކުރިއެރުމެއް ހާސިލުކޮށްފައެވެ.
ޑިޕާޗަރ ޓެކްސް ތަޢާރަފުކޮށްފައިވަނީ 2022 ވަނަ އަހަރުން ފެށިގެން ކަމަށްވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނެގޭ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ތަޢާރަފުކޮށްފައިވަނީ 2017 ވަނަ އަހަރުންނެވެ.
ޑިޕާޗަރ ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން ދެ އަހަރު ނުފުރޭ ކުޑަކުދިންނެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.