އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު ހަމަވާތީ، އެ މަގާމަށް އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުކަން ކުރެއްވި އަދި މިހާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީ) ގެ ނަންފުޅަށް ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޢަޒީގެ އިތުރުން މި މަގާމަށް އެހެން ބޭފުޅުން ވެސް ކުރިމަތިލެއްވި ނަމަވެސް، އެ ބޭފުޅުންގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.