މާލެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީފެންވަރަށް ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމޓީސީސީ) އިން ކުރަމުންއަންނަ މަސައްކަތުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި އެވެ.
އެކުންފުނިންބުނީ މާލެ ބޮޑުތަކުރުފާނު މަގު ފުޅާކޮސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެކުންފުނިން ކުރަމުންއަންނަ މަސައްކަތުގެ ދަށުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ފުރަގަހުން އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގެ މަގުގައި ކުރިން އަތުރާފައިވާ ގާތަކާއި ދުވާރު ނެގުމުގެ މަސައްކަތް މިހާރު ފށާފައިވާ ކަމަށެވެ.
އަދި މި ހަފުތާގެ ތެރޭގައި މަގު ހެދުމާއި ދުވާރު ހެދުމުގެ މައިގަނޑު މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ބޮޑުތަކުރުފަނު މަގު ތަރައްގީކުރުމަށް އެކުންފުނިން ކުރަމުންއަންނަ މަސައްކަތުގެ ދަށުން މާލެ ހުޅުމާލެ ފެރީ ޓާމިނަލުންފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދުގެ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ ނިންމާފައެވެ.
އެއަށްފަހު މިހާރު ބާކީ އޮތްނޯތު ހާބަރުން ފެށިގެން ވެސްޓްޕާކް ސަރަހައްދަށް އަދި ވެސްޓް ޕާކް ސަރަހައްދުން ފެށިގެން އައިޖީއެމްއެޗް އުތުރަށް އޮތް ސަރަހައްދުގެ މަސައްކަތް އެކުންފުނިން މިހަރުވަނީ ފަށާފައެވެ.




