އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް އިބްރާހިމް ރަޝީދު (އަބުޗާ) މިނިވަންކުރުމަށްފަހު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
އޭނާ މިނިވަންކޮށްފައިވަނީ ޕެރޯލްގެ ޤާނޫނުގެ ދަށުންކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވެއެވެ.
ހޯމް މިނިސްޓަރު އަލީ އިޙްސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އާއި ކޮމިޝަނާ އޮފް ޕްރިޒަންސް މިއަދު ބޭއްވި ނޫސްވެެރީންގެ ބައްދަލްވުމުގައިވަނީ ޕެރޯލްގެ ނިންމުން އަލުން މުރާޖައާކުރަން އަންގާފައިވާކަން ހާމަކުރައްވާފައެވެ.
އަދި އޭގެ ފަހުން ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް ފުލުހުންނަށް އެކަން އެންގުމުން މިއަދު ހަވީރު 4:48 ހާއިރު އަބުޗާ އަލުންވަނީ ހައްޔަރުކޮށްފައެވެ.
ފުލުސް އޮފީހުން ކުރިން އާއްމުކޮށްފައިވާގޮތުން އަބުޗާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 9 ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ.
މީގެ އިތުރުން އޭނާއަކީ ގުރޫޕް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައްޔާއި, މާރާމާރީ ހިންގުމުގެ 2 މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ 2 މައްސަލައެއްގައިވެސް ހައްޔަރުކޮށްފައިވާ ފަރާތެއްކަމަށް ކުރިން ފުލުހުން ބުނެފައި ވެއެވެ.




