މާލޭ އުތުރު ފަރާތު ބަނދަރުގައި ލޯންޗު ކައިރިކުރުމަށް ހާއްސަކޮށްގެން ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެކުންފުނިން ބުނީ އެކުންފުނިން މާލޭ އުތުރުފަރާތު ފަޅުތެރޭގައި ލޯންޗުފަހަރު ކައިރިކުރުމަށް ހާއްސަ 6 ޖެޓީ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސަައްކަތުގެ އަގަކީ 18.9 މިލިއަން ރުފިޔާ ކަމަށެވެ.
އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ އާއި 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުއަކީ ފެރީ ލޯންޗުތައް ކައިރިކުރަ މާލެ އުތުރު ބަނދަރަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެ ކުންފުންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެއްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




