މީހަކަށް އަނިޔާވެރިވެއްޖެނަމަ، ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
"އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން" މި މައުލޫއަށް ފުވައްމުލަކު ސިޓީގައި ދެއްވި ދަރުސްގައި މުފްތީ ވިދާޅުވީ، އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނެއް ކަމަށާއި އެ ދީން ބާރު އަޅަނީ އެކަކު އަނެކަކަށް އިހްސާންތެރިކޮށް ކަންކަން ކުރުމަށް ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އިސްލާމްދީނުގެ ސިފައެއް ނޫން ކަމަށާއި މީހަކަށް އަނިޔާވެރިވެއްޖެ ނަމަ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ސިފައެއްގައި އެމީހަކަށް އެކަމުގެ ތަކުލީފު މާތް ރަސްކަލާންގެ އެމީހަކަށް ޖައްސަވާނެ ކަމަށެވެ. އަދި ނިކަމެތިންނަށް އެހީވުމަށްފަހު އެމީހުންގެ ނިކަމެތިކަމަށް މަލާމާތް ނުކުރުމަށް ޝެއިހް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އަނެކުންނަށް އޯގާތެރިވުމަކީ މާތް ރަސްކަލާންގެ ރަޙްމަތް ތަނަވަސްވާކަމެއްކަންވެސް މުފްތީ މެންކް ފާހަގަކުރެއްވިއެވެ. އަދި އަނެކުންނަށް ދެރައާއި އިހާނެތިކޮށް ހިތުމަށްފަހު މާތް ރަސްކަާންގެ އެކަން ދޫކޮށްލައްވާނެކަމަށް އެއްވެސް މީހަކު ހީކޮށްގެން ނުވާނެކަމަށާއި ދުނިޔެ މަތީގައި ނިކަމެތި ކޮށްލާ މީހާ މަޢާފްނުކޮށްފިނަމަ ދުނިޔެއާއި އާޚިރަތުގައިވެސް މާތް ރަސްކަލާންގެ އެކަމުގެ ބަދަލު ހިއްޕަވާނެކަމަށް މުފްތީ ވިދާޅުވިއެވެ.
"އެހެން މީހުންގެ ދިރިއުޅުމާ މެދު ގޮތް ނިންމުމުގެ ކުރިން އެމީހުންގެ ހާލަތު ބެލުން މުހިންމު. ފަހަރުގައި އެމީހަކީ ވަރަށް ބޮޑު ކަމެއް ތަހައްމަލު ކުރާ މީހަކަށްވެސް ވެދާނެ،" މުފްތީ ވިދާޅުވިއެވެ.
މުފްތީ މެންކު ރާއްޖެެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫސިޓީގައި މިރޭ ދަރުސް ދެއްވާނެއެވެ.