Ad

ގައުމީ އަންހެން ބާސްކެޓް ޓީމް މުޅިން އަލަށް އައިއޯއައިޖީއަށް، އަމާޒު ރަނަށް!

ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކާމިޔާބީތައް ހުއްޓިފައި އޮތީ ލޯ މެޑައްޔާ ހިސާބުގަ އެވެ. އެ ކާމިޔާބީ ތިން ފަހަރެއްގެ މަތިން ހޯދައިފި އެވެ. އެންމެ ފުރަތަމަ 2016 ވަނަ އަހަރު ނޭޕާލްގައި އޮތް ސާބާ މުބާރާތުގަ އެވެ. އޭގެފަހުން، 2019 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގަ އެވެ.

އެންމެ ފަހުން، މިދިޔަ އަހަރު ރާއްޖޭގައި އޮތް ސާބާ ޗެމްޕިއަންޝިޕްގައެވެ.

ރާއްޖޭގައި އޮތް ހަތަރު ގައުމު ވާދަކުރި މުބާރާތުގައި ލޯ މެޑަލް ފަހަނަ އަޅާ ދެވޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވުނެވެ. ލޯ މެޑައްޔާ ހަމައިން ނިންމާލަން ޖެހުނަސް ބޮޑަތި ކުރިއެރުންތަކެއް އެ މުބާރާތުން ފެނުނެވެ.

އެ ކުރިއެރުންތަކުގެ އަލީގައި މުޅި ޓީމް މިހާރު އޮތީ ރަން މެޑެލް ހޯދުމުގެ އަޒުމުގަ އެވެ. އެ ކަމަށް ޓީމު އޮތީ ފައްކާވެފަ އެވެ. މިދިޔަ އަހަރު ފަހުކޮޅު އޮތް ސާބާ ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމުގެ ފޯކަސް އޮތީ ފުރަތަމަ ފަހަރަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާށެވެ. އަދި އެގޭމްސްގެ ފެށުން ރަން މެޑައްޔަކުން ފަށަން ޓީމްގެ ރޫހު ރަނގަޅެވެ.

އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ގުރެއިޝް އަފްރާހު (ގުރޭ) ޤަބޫލުކުރަނީ ގްރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރެވޭނެ ކަމަށެވެ. އެއީ ރީޔޫނިއަން އާއި, ޝީޝެލްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. ޓީމުގެ ކުޅުންތެރިންގެ ވިސްނުން ހުރީ ރަން މެޑައްޔަށެވެ. އެކަމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އިންޑިއާގައި ހޯދި ތަމްރީނުތަކެވެ. ސީދާ ގޭމްސް އަށް އަމާޒުކޮށް އިންޑިއާގައި ހޯދި ތަމްރީނުތަކުގެ ތެރެއިން ވާދަވެރި މެޗުތަކެއް ކުޅުނެވެ. އޭގެތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވިޔަސް ނަތީޖާ ދިޔައީ ކައިރިންނެވެ. އިދިކޮޅުން ކުޅުނީ އައިއޯއައިޖީގައި ކުޅޭ ގައުމުތަކުގައި ހިމެނޭފަދަ ވަރުގަދަ ކުޅުންތެރިންނެވެ. އެހެންކަމުން، އައިއޯއައިޖީއަށް ރަނގަޅަށް ތައްޔާރުވެފައި އޮތްކަމަށް ކުޅުންތެރިން ގަބޫލުކުރެއެވެ.

ފާތިމަތު ރިޝްމާ ފަދަ ތަޖުރިބާ ބޮޑު މަދު ކުޅުންތެރިންގެ ތެރެއަށް ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެން ޓީމް އޮތީ ރަނގަޅަށް ބައްޓަން ކޮށްފައެވެ. ސޯޅަ އަހަރުން ދަށާއި 18 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމް ކުޅުނު މެޗުތަކަށްވެސް ބަލައިގެން ރަނގަޅު ޓީމެއް އެކުލަވާލައިފަ އެވެ.

"އަބަދުވެސް އަންހެން ޓީމް މަސައްކަތްކުރާނީ އެއް މުބާރާތަށްފަހު އަނެއް މުބާރާތެއް ރަނގަޅު ކާމިޔާބީއެއް ހޯދަން, ބައިވަރު ކަންތައްތަކެއް ރަނގަޅުކޮށްގެން. އަލަށް ދާ ގޭމްސްއަކަށް ވިޔަސް އަމާޒަކީ ގްރޫޕްގެ އެއްވަނާގައި ސެމީއަށް ދިއުން. 2019 ގައި ޓީމްތަކުން ކުޅުނު މެޗުތައްވެސް ބަލަމުން މިދަނީ. ލިބިފަހުރި މައުލޫމާތުތަކަށް ބޭސްކޮށް ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރަން. " ޓީމުގެ ކޯޗު ގުރޭ ބުންޏެވެ.

ގުރޭ ގަބޫލުކުރާ ގޮތުގައި މިހާރު ރާއްޖޭގެ ޤައުމީ އަންހެން ޓީމް އޮތީ މި ސަރަހައްދު ނޫނީ މި އަށް ވުރެ ރަނގަޅު ލެވެލްއަކަށް ދެވޭ ހިސާބުގަ އެވެ. މަސައްކަތް ކުރަނީވެސް އެ މިސްރާބަށެވެ. އެމަގަށް ކުރާ މަސައްކަތުގައި ވެސް މި މަހު 25 ވަނަ ދުވަހު މަޑަގަސްކަރާގައި ފަށާ އައިއޯއައިޖީ އަކީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަށް މުހިއްމު މުބާރާތެކެވެ.

ވޭތުވެދިޔަ މުބާރާތްތަކުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދީ, ޓީމު ޓީމެއްގެ ގޮތުގައި އެކުލަވާލީ ސްރީ ލަންކާގެ ތަޖުރިބާކާރު ކޯޗު ސުޕުން ވިމާލް އެވެ. އެކަމަކު މިހާރު އޭނާއެއް ނެތެވެ. މިފަހަރު ޓީމް ގޮވައިގެން ރަން މެޑަލް ހޯދުމުގެ އަޒުމުގައި ދަތުރުކުރާނީ ސުޕުންގެ އެހީތެރިކަން ލިބުނު ޒުވާން ދިވެހި ކޯޗުންނެވެ. ހާއްސަކޮށް ސުޕުންއާ ގާތުން މަސައްކަތްކުރި ކޯޗު ގުރޭ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *